އިމާރާތްތަކުގެ ވަޔަރިން ކުރާއިރު ސްޓެލްކޯ އިން ހުއްދަދީފައި ހުންނަ ކޮލިޓީއަށް ވުރެ ދަށް ކޮލިޓީގެ ވަޔަރިން ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކާރނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ އިމާރާތްތަކުގައި ކަރަންޓްގެ ހާދިސާތައް ގިނަ އަދަދަކަށް ހިނގަނީ ކީއްވެތޯ ބަލަން ސްޓެލްކޯއާ އެކު ކުރެވުނު މަޝްވަރާތަކުން، ރާއްޖޭގައި ހަދަމުން އަންނަ އިމާރާތްތަކުގައި ކޮލިޓީ ދަށް ވަޔަރު ބޭނުންކޮށްފައި ހުރުމުގެ ސަބަބަން އަލިފާނުގެ ހާދިސާތައް ހިގަން މެދުވެރިވާކަން އެމްއެންޑީއެފަށް އެގިފައިވާ ކަމަށެވެ.
ކާރނަލް ޒުހުރީ ވިދާޅުވީ ގެދޮރު އިމާރާތް ކުރަމުންދާ ކޮންޓްރެކްޓަރުން ގެންގުޅޭ ބޭރު މީހުން އެއްވެސް މިންވަރަކަށް މި ކަމަށް ސަމާލުކަން ނުދެއްވާ ކަމަށެވެ.
ޒުހޫރު ވިދާޅުވީ އެނާރޖީ އޮތޯރިޓީގައި އިމާރާތްތަކުގެ ވަޔަރިން ފެންވަރު ބަލަން 5000 މީހުންނަށް ހުއްދަ ދެއްވާފައިވާއިރު، ގެދޮރު އިމާރާތްކުރާ ކޮންޓްރެކްޓަރުން މި ކަމުގައި ތަޖްރިބާ ނެތް ބިދޭސީން ބޭނުންކުރަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށެވެ.
"އެނާރޖީ އޮތޯރިޓީއަކީ ހުއްދަދެއްވާ ފަރާތް ގާތްގަނޑަކަށް 5000 ބޭފުޅުން އެބަ އުޅުއްވާ، އެކި ވަޔަރކުރުމުގެ ހުއްދަ ދެއްވާފައި އޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ބެލި ބެލުމުން ފެންނަނީ އެ ބޭފުޅުންނަށް ހުއްދަ ދެއްވާފައި އޮތް ކަމުގައި ވިޔަސް އަސްލު މަސައްކަތް ކުރަނީ ބޭރު މީހުން ލައްވާ،" ޒުހޫރު ވިދާޅުވިއެވެ.
ކޮލިޓީ ދަށް ވަޔަރު ބޭނުންކޮށްގެން ވަޔަރިންކުރާ މައްސަލަ ހުއްޓުވުމަށް އަންނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ޕީރިއޮޑިކް ކޮމްޕްލެއިންސް ޗެކްތަކެއް ސްޓެލްކޯ އާއި ފަޔަރ އެންޑް ރެސްކިއު ސާރވިސްއާ ގުޅިގެން ކުރާނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ. ޒުހޫރު ވިދާޅުވީ މި ކަމާ ގުޅޭ ޓައިމްލައިނެއް މިހާރު ހަދާފައިވާ ކަމަށެވެ.