ގިނަ ދުވަސްތަކެއް ވަންދެން އާންމު ދަތުރުފަތުރުތައް ނުކުރެވޭ ގޮތަށް ބަންދުކޮށްފައި އޮތް އަމީރު އަހުމަދު މަގު މިއަދުން ފެށިގެން ހުޅުވާން ނިންމައިފިއެވެ.
ހޯމަ ދުވަހު ހަވީރު 5:30 އިން ފެށިގެން އެމަގުގައި އާންމު ދަތުރުފަތުރު ކުރެވޭގޮތަށް ނިންމާފައިވާއިރު، އެމަގު ހުޅުވުމަށްޓަކައި އިސްލާމީ މަރުކަޒުގެ ދެކުނުން އެމަގުގައި ޖަހާފައި ހުރި މާބުލްތައް މީގެ ކުރިން ވަނީ ތާޅާލާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1546242370.jpg)
އަމީރު އަހުމަދު މަގު އަލުން ހުޅުވާލަން ނިންމާފައިވާއިރު، ޖަޒީރާ ހޮޅުއަށީގެ ފުރަތަމަ ބައްދަލުވުމުގައި، އެ މަގު އަލުން ހުޅުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އާންމުންގެ ގިނަ ބަޔަކު ވަނީ އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމާއި، ދަތުރުފަތުރު ތަކަށް ފަސޭހަވާނެ ގޮތަށް ހުޅުވަންޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ.