ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދަތުރުކުރާ ފަރާތްތަކަށް ހިލޭ ވިސާ ލިބޭނެ ގޮތް ހަމަޖައްސާފައިވާކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލު ވިދާޅުވީ، މާދަމާއިން ފެށިގެން ޔޫއޭއީއަށް ދިވެހިން ދަތުރުކުރުމުގައި ވިސާ ނަގަން ނުޖެހޭނެ ކަމަށާއި، އެގޮތުން ޔޫއޭއީ ސަރުކާރުން ކުރަންޖެހޭ އެންމެހަައި ކަންކަން ނިންމައި އެއަރލައިންތަކަށްވެސް މިހާރު އަންގާފައިވާކަމަށެވެ.
"ޔޫއޭއީއަށް ދިވެހިން ދަތުރުކުރުމުގައި ވިސާއަކާ ނުލައި ދަތުރުކުރުމުގެ ކަންތައް މާދަމާއިންފެށިގެން މިވަނީ ހަމަޖެހިފައި"މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙުމަދު ޚަލީލު ވިދާޅުވިއެވެ.
ޑިސެމްބަރ މަހުގެ 28 އިން ފެށިގެން ހިލޭ ވިސާގައި ޔޫއޭއީއަށް ދަތުރުކުރެވޭނެކަމަށް ކުރިން އިއުލާނުކުރެވިފައި އޮތް ނަމަވެސް، ބައެއް އިންތިޒާމްތައް އޭރު ހަމަޖެހިފައި ނުވާތީ ބައެއް ފަރާތްތަކަށް ދަތިތަކާ ވަނީ ކުރިމަތިވެފައިވެއެވެ.
ޚަލީލް ވިދާޅުވީ އޭރު އެގޮތަށް ކަންތައް ދިމާވީ ބައެއް އެއަރލައިންތަކަށް އެ މައުލޫމާތު ނޭނގުމުން ކަމަށާއި, ނަމަވެސް މިހާރު ހުރިހާ އެއަރލައިންތަކަށްވެސް އެ މައުލޫމާތު އެނގިފައިވާނެކަމަށެވެ.
ދިވެހިންނަށް ވިސާއާ ނުލައި ޔޫއޭއީ އަށް ދެވޭ ގޮތަށް އެޤައުމުގެ ޚާރިޖީ ވުޒާރާއާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އިއުލާނު ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެރިރަށް އަބޫދާބީގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންއާއި ބައްދަލުކުރެއްވުމަށްފަހުއެވެ.
ޔޫއޭއީގެ އިތުރުން، ނިމިގެންދިޔަ ސަރުކާރުގެ ދުވަސްވަރު ދިވެހިންނަށް ވިސާގެ ތާށިކަން ކުރިމަތިވެފައި އޮތް އިންޑިއާއިންވެސް ވަނީ ދިވެހިންނަށް ވިސާގެ ލުއިފަސޭހެ ގޮތްތަކެއް ހަމަޖައްސައިދީފައެވެ.