ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދަރަވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ބ. އަތޮޅުގެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އޭދަފުށި ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނެކެވެ.
ޑިސެންބަރު 30 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ދަރަވަންދޫ ބަނދަރު ސަރަޙައްދުން އެ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 65 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އޭނާގެ ނަމެއް ހާމައެއް ނުކުރެ އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހްގީގަށް ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ.
މިމައްސަލަ ތަހްގީގުކުރަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުންނެވެ.