ދެހާސް އަށާރަ ވަނަ އަހަރު ރާއްޖޭގައި އަލިފާން ރޯވުމުގެ 105 ހާދިސާއެއް، އަދި ގޭސް ލީކްވުމުގެ 65 ހާދިސާއެއް ހިނގާފައިވާ ކަމަށް، އެމްއެންޑީއެފްއިން ބުނެފި އެވެ.
އެމްްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަޔަރ އެންޑް ރެސްކިއު ސާވިސަސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ އަލިފާނުގެ ހާދިސާތައް ހިނގުން މަދުވަމުންދާ ކަމަށާއި، އަދި ހާއްސަކޮށް ބޮޑެތި ހާދިސާތައް މަދުވެފައިވާ ކަމަށެވެ.
ޒުހުރީ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު އަލިފާނުގެ 105 ހާދިސާއެއް ހިނގާފައިވާއިރު، 2017 ވަނަ އަހަރު 119 ހާދިސާއެއް އަދި 2016 ވަނަ އަހަރު 102 ހާދިސާއެއް ހިނގާފައިވެ އެވެ. ގޭސް ލީކްވުމުގެ 65 މައްސަލައެއް 2018 ހިނގާފައިވާއިރު، 2017 ވަނަ އަހަރު 44 ހާދިސާއެއް އަދި 2016 ވަނަ އަހަރު 131 ހާދިސާއެއް ހިނގާފައިވެ އެވެ.
އަލިފާނުގެ ހާދިސާތައް މަދުވެފައިވިޔަސް ގޭސްލީކްވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. 2018 ވަނަ އަހަރު ހިނގި ގޭސް ލީކްވުމުގެ އެންމެ ބޮޑު ހާދިސާއަކީ ޝެލް ބީންސްގެ ބަދިގޭގައި ހިނގި ހާދިސާ ކަމަށް ޒުހުރީ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާތައް މަދުވެފައި ވަނީ ޒުހުރީ ވިދާޅުވި ގޮތުގައި އެމްއެންޑީއެފުން އާންމުނަށް ހިނގާ ކޯސްތަކުގެ ސަބަބުންނެވެ. ވޭތުވެދިޔަ އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތާ ގުޅިގެން އެ ސަރަހައްދަށް ސިފައިންނަށް އެވްރެޖް ގޮތެއްގައި ފަސް މިނެޓާއި ތިރިސް ސިކުންތުގެ ތެރޭގައި ހާޒިރުވެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި މަގުތައް ހަނިވުމާއި ގިނަ ވެހިކަލްތަކެއް މަގުގެ ދެ ފަރާތުގައި ޕާކްކޮށްފައި ހުންނާތީވެ، ސިފައިންގެ ބޮޑެތި ވެހިކަލްތައް ވަނުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި އަވަހަށް ގޯޅިތަކަށް ނުވަދެވޭތީ މިހާރު ސައިކަލް ބޭނުންކުރަން ފަށާފައިވާ ކަމަށް ވެސް ޒުހުރީ ވިދާޅުވި އެވެ.
އާ އަހަރުގެ ބަންދަށް ޗުއްޓީ ހޭދަކޮށްލަން ދާއިރު، އަލިފާނުގެ ހާދިސާއެއް، ނުވަތަ ގޭސް ލީކްވުމުގެ ހާދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖެއްސުން މުހިންމު ކަމަށާއި، އަދި އާ އަހަރު އަލިފާނުގެ ކުޅިވަރުތައް ކުޅޭއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ޒުހައިރު ވިދާޅުވި އެވެ.