އޮއިވާލި ކަނދުފަތި ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އާދީއްތަ ދުވަހު ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކަނދުފައްޗާއި ތިން މެއިލް ކައިރިން ވަދު އެޅުމާއި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމަށެވެ. އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އެމްއެންޑީއެފްއާއި ކޯސްޓްގާޑް އަދި ފުލުހުންނާއި ގުޅިގެން މަސަތްކަތް ފަށާފައިވާކަމަށް ބަޔާނުގައިވެ އެވެ.
ކަނދުފަތިކައިރިން ވަދު ދަމައިގެންނާޢި ދިރޭ އެންޖަހައިގެން މަސްވެރިކަންކުރުމާއި ގުޅޭގޮތުން މިނިސްޓްރީގެ ނޫސް ބަޔާން pic.twitter.com/UQxwtCMimO
— Min. of Fisheries, Marine Resources & Agriculture (@FishAgri) December 30, 2018
ގަވާއިދާއި ހިލާފަށް ކަނދުފޮތިކައިރީގައި މަސްވެރިކަންކުރުމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މުނިފޫހި ފިލުވުމަށް ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރިވަފައިކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ބުނެ އެވެ. މީގެއިތިރުން ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރުމުން މަސް އައިން ތިލަވުން އަދި ހިފެހެއްޓުމަށް ނޭދެވޭ އަސަރުކުރާކަމަށް ފާހަގަވެފައިވާކަމަށް ވަނީ ބުނެފަ އެވެ.
ބަޔާނުގައި ބުނެފައިވަނީ ކަނދުފައްޗަކީ މަސްވެރިކަމަށް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން ގާއިމްކޮށްފައިވާ 55 އޮއިވާލި ކަނދުފަތީގެ ވިއުގަޔަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ގާއިމުކޮށްދީފައިވާ ވަސީލަތެއް ކަމަށެވެ. ކަނދުފަތިތައް ބަލަހައްޓަމުން ދަނީ ވެސް ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށް ބަޔާނުގައިވެ އެވެ.