ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އުފައްދަވައިފިއެވެ.
ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މި އޮތޯރިޓީ އުފެއްދެވުމާއި ގުޅިގެން، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު" ވަނީ އުވާލައްވާފައެވެ.
އެމްޑީއެމްއޭ މި އުފެއްދެވީ، އެ އޮތޯރިޓީ އުފެއްދުމަށް ކާރިސާތަކާބެހޭ ގާނޫނުގައި ބުނެފައިވާ ތާރީޚް ފަހަނައަޅައި ދިޔަތާ ތިން އަހަރަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުންނެވެ.
ސެޕްޓެމްބަރު 6، 2015 ވަނަ އަހަރު ތަސްދީގުކުރި ކާރިސާތަކާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވަންޖެހެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ގާނޫނު ތަންފީޒުކުރަން ފައްޓާފައި ނުވާކަން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހާމަކުރެއްވީ، ޑިސެމްބަރު 26 ވަނަ ދުވަހު ދުވާފަރުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާފައިވަނީ، ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކުރުމާއި، އެކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ޚާއްޞަ އަހައްމިއްޔަތެއް ދީގެން، ޤައުމީ، އަތޮޅުތަކުގެ، ރަށްރަށުގެ އަދި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ މުއައްސަސާތަކާއި މި ނޫނަސް ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅުންހުރި އެހެނިހެން ފަރާތްތައް ލައްވައި، ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގައި ގުޅިލާމެހިފައިވާ އަދި ވިލަރެސް ކުރެވިފައިވާ ނިޒާމެއް ކުރިއެރުވުމަށެވެ.