ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބައްޕާފުޅު އިބްރާހީމް ރަޝީދު އަވަހާރަވެއްޖެއެވެ.
ގ. ވައިޖެހޭގެއާގޭ އިބްރާހިމް ރަޝީދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު އާދީއްތަ ދުވަހުގެ ރޭ އައިޖީއެމްއެޗްގަ އެވެ. ހޮސްޕިޓަލްގައި އެޑްމެޓްކުރީ ބުރާސްފަތި ދުވަހު އެވެ.
އުމުރުފުޅުން 79 އަހަރުގެ އިބްރާހިމް ރަޝީދަކީ ދިވެހި ދައުލަތަށް ބައިގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އިބްރާހިމް ރަޝީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1955 ވަނަ އަހަރު ވަޒީރުލް އައުޒަމްގެ ކާތިބުކަމުގެ މަގާމުންނެވެ. މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި އެއާޕޯޓް އޮފީހުގެ ވެރިޔާގެ އެހީތެރިޔާގެ މަގާމާއި ހއ. އަތޮޅުވެރިޔާގެ މަގާމު ވެސް އެމަނިކުފާނު އަދާކުރައްވާފައިވެ އެވެ. އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވީ އެޓޯލްސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގަ އެވެ. 2006 ވަނަ އަހަރު ސަރުކާރުން ވަކިވެވަޑައިގެންނެވިއިރު، އެ މަނިކުފާނު ހުންނެވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ.
އިބްރާހިމް ރަޝީދުގެ ޖުމުލަ ހަ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ފިރިހެން ދެ ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ. އަނބިކަނބަލުން ވަނީ އަވަހާރަވެފަ އެވެ.
އިބްރާހިމް ރަޝީދު ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.