ފަނާކުރުވަނިވި ވިސްނުމުގައި ގެނައި ޤާނޫނުތަކުގެ ސަބަބުން މީޑިއާތަކުގެ މިނިވަންކަން ގެއްލިގެންދިޔަ ކަމަށް ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ މި އަހަރު މީޑިއާތަކަށް ގިނަ ގުނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާއި ޤާނޫނީ ގޮތުން ދަތި އުނދަގޫ ކަންތައްތަކާއި ބްރޯޑްކާސްޓްކުރާ މީޑިއާ ސްޓޭޝަންތަކަށް ކުރިމަތި ކުރުވާފައިވާ ކަމަށެވެ. އެގޮތުން އަބުރުގެ ޤާނޫނުގެ ދަށުން ރާއްޖެޓީވީ އާއި އެހެން ބައެއް ސްޓޭޝަންތައް ޖޫރިމަނާކުރުން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑަށް ފެނިގެންދިޔައީ ހަދަން ޖެހޭ މުހިންމު ޤާނޫނުތައް ނުހެދި، ޖަޒުބާތީ ވިސްނުމުގައި، ފަނާކުރުވަނިވި ވިސްނުމުގައި ގެނައި ޤާނޫނުތަކެއްގެ ސަބަބުން ޤާނޫނު އަސާސީގައި މި ބަޔާންކުރާ މިނިވަންކަމުގެ ހައްޤުތައް ވަނީ ހަނިކުރެވިފައި. މީޑިއާގެ މިނިވަންކަމުގެ ތެރެއިން އަޅުގަނޑުމެން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގައި ވެސް ހުރަސްތަކެއް މެދުވެރިވި. މީޑިއާ ކަންތައްތަކާއި ގުޅިގެން ވަރަށް ދޯދިޔާ އުސޫލުތަކެއް ވަނީ ޤާއިމުކުރެވިފައި" ނިޝާން ވިދާޅުވިއެވެ.
ބްރޯޑްކާސިން ކޮމިޝަނަކީ މީޑިއާތަކުގެ ބެލެނިވެރި ފަރާތްކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ އެ ކޮމިޝަންގެ ޒިންމާއަކީ މިޑިއާތަކުން ރައްޔިތުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުން ހަމައެކަނި އަދަބު ކަނޑައެޅުން ނޫން ކަމަށާއި އެ ކޮމިޝަންގެ ޒިންމާއަކީ މިޑިއާތަކަށް ބަލަހައްޓާ ކުރިއެރުވުން ކަމުގައެވެ. އެ މުއައްސަސާއަކީ ވުޖޫދުގައި އޮންނަން ޖެހޭނެ މުއައްސަސާއެއް ނޫން ކަމަށް ނިޝާން ވިދާޅުވިއެވެ.
"ބްރޯޑްކާސްޓިންގް ކޮމިޝަނަކީ ވުޖޫދުގައި އޮންނަން ޖެހޭ މުއައްސަސާއެއް ނޫން. އެ ކޮމިޝަން ނެތަސް ކަންތައްތައް ރެގިއުލޭޓް ކުރެވޭނެ އެހެން މެކޭނިޒަމްއެއް ޤާއިމުކުރެވޭނެ. މީޑިއާ ކައުންސިލެއް އެބައޮތް ބްރޯޑްކާސްޓިންގް ކޮމިޝަނެއް އެބައޮތް، އެއް މަސައްކަތެއް ކުރާ ތަފާތު މުއައްސަސާތަކެއް ރާއްޖޭގައި އެބަހުރި، އެހެންކަމުން މި މުއައްސަސާތައް އެއްކޮށްލުމަށްފަހު އާ މެކޭނިޒަމްއެއް، އާ ރެގިއުލޭޓް ބޮޑީއެއް ގެނައުމަކީ އަދި އެވެއާ ކުރެވޭނޭ ޤާނޫނީ ނިޒާމެއް ހަމަޖެއްސުމަކީ މިކަމަށް އޮތް ހައްލު،" ނިޝާން ވިދާޅުވިއެވެ.
އަބުރުގެ ޤާނޫނު ވުޖޫދަށް ގެނައި ދައުލަތުން ހާމަކުރަން ބޭނުންނުވާ މައުލޫމާތުތައް ފޯރުކޮށްދޭ މީޑިއާތަކާއި ދޭތެރޭގައި ފިޔަވަޅު އަޅަން ކަމަށް ނިޝާން ވިދާޅުވިއެވެ.
މީޑިއާތަކުގެ ރަނގަޅު ޤާނޫނެއް ވުޖޫދަށް ގެންނަން ޖެހޭ ކަމަށާއި އެކަހަލަ ޤާނޫނެއް ގެނައުމުން މީޑިއާތަކަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ. އަދި އެފަދަ ޤާނޫނެއް އެކުލަވާލުމަށްޓަކައި ދޭންޖެހޭ އެންމެހާ އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.