ރ. މުރަވަންދޫ އިން ކުނި ހިފައިގެން ކ. ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 10:24 ހާއިރު ކަމަށާއި ހާދިސާ ހިނގާފައިވަނީ ކ. އަކިރިފުށީގެ ހުޅަނގުއިރުން 17 ނޯޓިކަލް މޭލު ދުރުގައި ވަނިކޮށް ކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި ބިދޭސީ ތިން މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ ހާދިސާ ހިނގާފައިވަނީ ދޯނީގެ ސާފްޓް ޓިއުބްގެ ބޯލްޓެއް ނެއްޓިގެން ކަމަށް ދޯނީގެ ކެޕްޓަން ބުނެފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ފާސްޓް އިންޓަސެޕްޓް ލޯންޗެއް ޑައިވަރުންގެ ޓީމަކާއިއެކު ދޯނި އޮތް ސަރަހައްދަށް ދަތުރުކުރުމަށް ދަތުރު ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.