އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރ ޔާމިން ރަޝީދުގެ މަރު، އެކަތި އަނެކެއްޗާ ގުޅިފައިވާ ކަމަށް މަރުތައް ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް މީޑިއާއަށް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުއޫދު ވިދާޅުވީ އެ ތިން މަރަކީ އެއް "ޕެޓާނަކަށް" އެކަތި އެނެކައްޗާ ގުޅިފައިވާ ތިން މަރު ކަމަށެވެ.
ސުއޫދު ވިދާޅުވި އެ ވާހަކަފުޅުގެ ތަފްސީލެއް، އޭނާ ހާމައެއް ނުކުރައްވައެވެ.
އޭނާ ވިދާޅުވީ އަފްރާޝީމާއި ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ގިނަ ބައެއްގެ ބަޔާންތަކެއް ނަގާފައިވާ ކަމަށާއި އެ ބަޔާންތަކުގެ އަލީގައި އަންދާޒާ ކުރެވޭ ވަރުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. މަރެއް ފޮރުވުމަށް އިތުރު މަރުތަކެއް ހިނގާފައިވޭތޯ "ރާއްޖެއެމްވީ"އިން ސުވާލު ކުރުމުން ސުއޫދު ވިދާޅުވީ އެފަދަ ކަމެއްގައި ކޮމިޝަނުން އެއްޗެއް ބުނާނީ ތަޖުރިބާކާރުންގެ ނިންމުމާއެކުގައި ކަމަށެވެ.
"ފުލުހުންގެ އެއްބާރުލުން އަޅުގަނޑުމެންނަށް އެބަ ދެއްވާ. ދެން އަނެއްކާ އާންމުންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިއްޖެ. އާންމުންގެ ފަރާތުން އަޅުގަނޑުމެންނަށް ދެއްވި މައުލޫމާތަކީ ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް. އޭގެ ސަބަބުން އޯވަރޯލް އަންޑަސްޓޭޑިން، މި މައްސަލައިގެ ޕިކްޗަރ މަންޒަރެއް ކުރެހޭ ކަހަލަ ގޮތަކަށް އެބަދޭ. އެހެން ނަމަވެސް ޕްރޮސެކިއުޝަނާ ހިސާބަށް ދެވޭވަރުގެ ކުރިއެރުމެއް ނޫން އަދި މިދެންނެވީކީ،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުން ހުއްޓުނު ކަމަށާއި، އޭގެ ފަހުން، 2015 ވަނަ އަހަރު މުޅިން އަލަށް އެ މައްސަލަ އަނެއްކާވެސް ބަލަން ފެށި ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1546174419.jpg)
"މި ކަންތައްތަކުގެ އަލީގައި އެކި މަރުހަލާތަކުގައި އަފްރާޝީމްގެ މަރުގެ މައްސަލާގައި ކަމަށްވަންޏާ 2013ގެ ނޮވެމްބަރު މަހުގެ ކުރިން ވަކި ގޮތަކަށް ތަހުގީގު ކުރެވި މީހުންތަކެއް ޕްރޮސެކިއުޓް ކުރުމަށްޓަކާ ފޮނުވިފަ، ދެން އަނެއްކާވެސް އެ ހިސާބުން ހުއްޓުންތަކެއް އަރާފައި ހުރީ. 2015ގެ ފަހުކޮޅުގައި ކުރެވުނު ތަހުގީގުތަކުގައި އާ މައުލޫމާތުތަކެއް އެބަހުރި ފުލުހުންނަށް ލިބިވަޑައިގެންފައިވާ ކަމަށް އެބަ ވިދާޅުވޭ. އެގޮތުގެ މަތިން އެބަހުރި ކަންތައްތަކެއް ބަދަލުވެފައި،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މަރުތައް ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަނުން ތަހުގީގުތަކެއް ކުރިޔަސް، ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނަމަ، ރައްޔިތުން އެދޭ އިންސާފާ ހަމައަށް ވާސިލު ނުވެވޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ކޮމިޝަނުން ކޮންމެފަދަ ތަހުގީގުތަކެއްކޮށް ނިންމިޔަސް، ޝަރުއީ ނިޒާމު އިސްލާހު ނުކުރެވޭނަމަ، އަޅުގަނޑު ގަބޫލެއް ނުކުރަން، ރައްޔިތުން އެދޭ އިންސާފާ ހަމައަށް ވާސިލު ވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަން ކުރެވޭނީ މުޅި ނިޒާމު ބަދަލުވެގެން،" ސުއޫދު ވިދާޅުވިއެވެ.