ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ފައިސާ ދެއްވި ބައެއް ފަރާތްތައް ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ޔާމީން 22.5 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާއިރު، އެ މަނިކުފާނަށް ވަކިވަކި ފަރުދުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދެއްވާފައި ވަނީ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝިދު (ކާނަލް ނަޝީދު) އެވެ. ނަޝީދު އަށް މިލިއަން ރުފިޔާ ދެއްވާފައިވާއިރު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު ތިން މިލިއަން ރުފިޔާ އަދި، ހ. އަސްފާމް ޝިމްލާ ނަސީމް ތިން މިލިއަން ރުފިޔާ ދެއްވާފައިވެ އެވެ.
ޔާމީންގެ ކެމްޕެއިން އަށް ފައިސާ ދެއްވިކަން ނަޝީދު ދޮގެއް ނުކުރައްވަ އެވެ.
"އަޅުގަނޑަކީ ވިޔަފާރިވެރިއެއް. ގާނޫނާ ޚިލާފަށް ހޯދި ފައިސާއެއް ނުހުންނާނެ. އެހެންވެ، ބޭނުންވާ މީހަކަށް ފައިސާ ވެސް ދެވޭނެ ނޫންތޯ؟" ރިޔާސީ އިންތިޚާބުގައި ޔާމީން ހޮއްވެވުމަށް މަސައްކަތް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ޝަވީދު އާއި ޝިމްލާގެ ބަހެއް އަދި ނުލިބެ އެވެ.
ޔާމީންގެ ކެމްޕެއިން އަށް ތިން ބޭފުޅަކު 14 މިލިއަން ރުފިޔާ ދެއްވާފައިވާއިރު، ދެން ޚަރަދު ކުރެއްވި 8.5 މިލިއަން ރުފިޔާ ދީފައިވަނީ ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބައެއް ކުންފުނިތަކުންނެވެ. ނަމަވެސް އެއީ ކޮން ކޮންފުނިތަކެއްކަން އަދި ނޭނގެ އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން އަށް ސަރުކާރުގެ ގިނަ ކުންފުނިތަކަކުން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށް ވެސް ތުހްމަތުކުރެވެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިމުނުއިރު، ޕީޕީއެމްއިން ބައެއް ފަރާތްތަކަށް ވަނީ ދަރައިފަ އެވެ. އަދި ރައީސް ޔާމީންގެ ބޭންކު ދެ އެކައުންޓެއްގައި 100 މިލިއަން ރުފިޔާ ހުރިކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ތުހްމަތުކުރެވޭ މާލީ މައްސަލަތަކެއް ބަލަމުންދާތީ އެ ފައިސާ ވަނީ ފްރީޒުކޮށްފަ އެވެ.