ފަނޑިޔާރުން ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތު ނުކޮށް އެބަހުރި ކަމަށާއި ގޭންގުތަކުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައިވާ ކަމަށް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން"ގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މީޑީއާއަށް މައުލޫމާތު ދެއްވަމުން، ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ މަގާމާއި ގާޒީކަން ވެސް ކުރެއްވި ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އިންސާފު ނުލިބޭނެއެވެ.
"ބައެއް ގޭންގުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ކޯޓާއެއް ލިބިފައިވާ ކަމަށްވޭ، އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި. ކްރިމިނަލް ކޯޓަށް މިވެނި ގޭންގަކުން ކޯޓާއެއް. ގޭންގުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރުން، ހިނގާފައި ހުރި ކަންތައްތައް މިއީ،" ބަންޑާރަ ނައިބުކަން
"ކިތަންމެ ވަރަކަށް ތަހުގީގުކޮށްފައި ފޮނުވިޔަސް، ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބިދާނެ ކަމަށް އަޅުގަނޑު ގަބޫލު ނުކުރަން."
![](https://dyncz33htw1ec.cloudfront.net/posts/1546169576.jpg)
ގޭންގުތަކުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކުރި ބައެއް ކަންކަން ތަފްސީލު ކޮށްދެއްވަމުން، ސުއޫދު ވިދާޅުވީ މަރުގެ ދައުވާތައް ސާބިތު ނުކުރުމާއި ހެކިންނަށް ނުފޫޒުފޯރުވުމަށް އެހީވުމާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުމާއި ބަންދުގެ މުއްދަތު އިތުރު ނުކޮށްދިނުމާއި ބަންދު ކުރަން ނުޖެހޭ މީހުން ބަންދުގައި ކުރުން ހިމެނޭ ކަމަށެވެ.
ކޯޓަށް ނުފޫޒު ފޯރުވައިގެން ގޭންގުތަކުން ކުރާ ބައެއް ކަންކަން:
- މުވައްޒަފުންނާއި ފަނޑިޔާރުން ގުޅިގެން މަރުގެ ދައުވާތައް ސާބިތެއް ނުކުރުން
- ހެކިންނަށް ނުފޫޒު ފޯރުވުމަށް އެހީތެރިވުން
- ޓެރަރިޒަމް މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުން
- ބަންދުކުރަން އެދޭ މީހުން ބަންދު ނުކުރުން
- ބަންދު ކުރަން ނުޖެހޭ މީހަކު ބަންދު ކުރުން
"ގޭންގުތަކާ ގުޅިފައި މި ވަނީ ހަމައެކަނި ފަނޑިޔާރުންނެއް ނޫން. ދެން ތިބޭ އިދާރީ މުވައްޒަފުން މެދުވެރިކޮށް ވެސް، ކަންތައްތަކެއް އެބަ ކުރޭ. ހެކިންގެ ސިއްރުވެރިކަން އެބަ ފާޅުކުރެވޭ. ސިއްރުން ހެކިދޭ މީހާގެ މޫނު ބަލައި އެކަން އެބަ ރިޕޯޓް ކުރޭ ގޭންގުތަކާ. އެހެންވީމަ އެހެން އޮތް ތަނެއްގެ ވާހަކަ މި ދަންނަވަނީ،" މަޝްހޫރު ގާނޫނީ ވަކީލު ސުއޫދު ވިދާޅުވިއެވެ.