އެއްގަމު އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ކޮންމެ ހުކުރުދުވަހެއްގެ ހެދުނު ބައެއް މަގުތައް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އާރބަން އެންޑް ޑިވެލޮޕްމަންޓް، އާމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން 100 ދުވަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާތިފާ ވިދާޅުވީ ކަނޑައެޅޭ ވަކި މަގުތަކެއް ކޮންމެ ހުކުރުދުވަހެއްގައި ބަންދުކުރަނީ، ޖަޒީރާ ވަންތަ މާހައުލެއް މާލޭގެ ރައްޔިތުންނަށް ގާއިމްކޮށްދިނުމަށް ކަމަށެވެ.
ޓްރެފިކް ފުލުހުންނާ ގުޅިގެން ހުކުރުދުވަހު މަގުތައް ބަންދުކުރަން ލޮކޭޝަންސްތަކެއް ކަނޑައެޅިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ޒުހޫރުﷲ ސައީދު ވިދާޅުވީ އެހެނިހެން އިދާރީ ބައެއް މަސައްކަތްތައް ކުރުމަށް ފަހު ދެ ދުވަހެއްގެ ތެރޭގައި ބަންދުކުރާނެ މަގުތައް ހާމަކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް ހަފްތާ ތެރޭގައި ބަންދުކޮށްފައި ހެދުނު ގަޑީގައި ކުޑަކުދިންނާއި ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް މަގުމަތީގައި ޖަޒީރާވަންތަ ގޮތަކަށް އުޅެވޭނެ ގޮތަށް އެކަންތައް ކުރުމަށް މަގު ފަހިވެގެންދާނެ،" ޒުހޫރުﷲ ސައީދު ވިދާޅުވިއެވެ.