އަށާރަ ވަނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކޮށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ޕާޓީ ބަދަލުކުރެއްވި މައްސަލައިގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މާފަށް އެދިވަޑައިގަންނަވައިފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އާދިއްތަ ދުވަހު 2:00 ގެކުރިން މުސްތަފާ މާފަށް އެދިވަޑައިގެން އެމްޑީޕީއަށް ބަޔާނެއް ފޮނުއްވާފައިވާ ކަމަށެވެ.
މާފަށް އެދިވަޑައިގެން މުސްތަފާ ފޮނުއްވި ބަޔާނުގައި ވަނީ 2014 ވަނަ އަހަރު ޕާޓީ ބަދަލުކޮށް ޕީޕީއެމަށް ސޮއިކުރިކުރުމަކީ ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް ކުރެވުނު ނުރަނގަޅު އަމަލެއް ކަމަށެވެ. އަދި އެކަމަށްޓައި ޕާޓީގެ ލީޑާޝިޕާއި މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމުގައި ބަޔާނުގައި ވިދާޅުވެފައި ވެއެވެ
އެމްޑީޕީގެ މެމްބަރުންނަށް މާފަށް އެދިވަޑައިގެން މުސްތަފާ ވިދާޅުވީ އެކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ކަމުން މަޖުބޫރުވެގެން ކުރެއްވި ކަމެއް ކަމަށެވެ.
މުސްތަފާ އެހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް މުސްތަފާގެ ގޮނޑިގެއްލުވާލުމުން ޕީޕީއެމުން ނިކުމެ ވަޑައިގެން މަސައްކަތް ކުރެއްވި 12 މެމްބަރުންނާ އެކު އެވެ. މުސްތަފާ އެމްޑީޕީއަށް ގުޅިވަޑައިގަތީ ކޯލިޝަނުން އެ 12 މެމްބަރުންނަށް ޓިކެޓް ނުދޭނެކަން ޔަގީންވެ ވަޑައިގެންނެވުމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.
އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައި ވަނީ މުސްތަފާ ޕާޓީ ބަދަލުކުރެއްވި ހާލަތަށް ބަލައި އާދީއްތަ ދުވަހު 2:00 ގެ ކުރިން މާފަށް އެދިވަޑައިގެން އެމްޑީޕީގެ އޮފީހަށް ބަޔާނެއް ފޮނުއްވުމަށެވެ. މުސްތަފާ އެ ބަޔާން ނުފޮނުއްވި ނަމަ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ހުށަހެޅުއްވި ފޯމް ބާތިލް ވާނެ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުމުގައި ވެއެވެ.