"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އިން ބަލަން ނިންމާފައިވާ 25 މައްސަލަ އަންނަ އަހަރު އޭޕްރީލް މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައި ވަނީ ނޮވެމްބަރ 25 ގައި ކަމަށް ވީ ނަމަވެސް، ކޮމިޝަނުގެ މަސައްކަތްތައް ލަފާކުރި މުއްދަތަށް ވުރެ އަވަހަށް ނިންމާލެވޭނެ ކަމަށާއި، އަންނަ އަހަރު އޭޕްރީލް މަހުގެ ކުރިން ހުރިހާ މައްސަލައެއް ބަލައި ނިންމާނެ ކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1546164417.jpg)
![](https://dyncz33htw1ec.cloudfront.net/posts/1546164416.jpg)
ސުއޫދު އިތުރަށް ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތްތައް އަވަހަށް ނިންމުމަށްޓަކައި ބޭރުގެ އެހީތެރި ކަމަށް އެދިފައިވާނެ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެފްބީއައިގެ ކޮންސަލްޓެންޓުން ރާއްޖެ އަންނާނެ ކަމަށެވެ. އޭގެ އިތުރުން ވިޝުއަލް އައިޑެންޓިފިކޭޝަނަށް އެހީތެރިކަން ދެއްވުމަށްޓަކައި ޕްރޮފެސަރ އުގައިލު ވެސް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އާންމުކޮށް ހުޅުވާލައިގެން ދެ މީހެއްގެ މަރުގެ ތަހުގީގު ފުރިހަމަ ކުރަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ތަހުގީގުތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ތަންތަނުގައި ހުރި މައްސަލަތައް ދެނެގަނެ، ހައްލު ހޯދަން މަގުފަހި ކުރުން ކަމަށެވެ.
ކޮމިޝަނުން ބެލުމަށް ނިންމާފައިވާ މައްސަލަތަކުގެ ލިސްޓު އާންމު ކޮށްފައިވާއިރު، މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.