ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގައި މުއައްޒަފުން ގިނަ ކަމަށާއި އެހެން ނަމަވެސް ވަޒީފާ ގެއްލުމުގެ ބިރު އެއްވެސް މުއައްޒަފަކަށް ނެތް ކަމަށް ސިވިލް ސާވިސް ކަމިޝަން (ސީއެސްސީ)އިން ބުނެފިއެވެ.
ރައީސް އޮފީހުގެ އެދުމަކަށް 2016 ވަނަ އަހަރުން ފެށިގެން ސީއެސްސީ އިން އޮޑިޓަރޖެނެރަލްގެ އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ 14 މިނިސްޓްރީއެއް ވަނީ އޮޑިޓް ކޮށްފައެވެ.
ސީއެސްސީއިން ކުރި އޮޑިޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކަމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ސައީދު ރާއްޖެއެމްވީއަށް ވިދާޅުވީ ރައީސް އޮފީހުގެ އެދުމަށް އެކަމިޝަނުން ޚާއްސަ އޮޑިޓެއް ކުރަން ފެށީ މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ ހާލަތު ދެނެގަތުމަށް ކަމަށެވެ.
ސައީދު ވިދާޅުވީ ބައެއް މިނިސްޓްރީތަކުގައި މުއައްޒަފުން ގިނަ ކަމުގައި ވިއަސް ވަޒީފާ ގެއްލުމުގެ ބިރެއް އެފަރާތްތަކަށް ނޯންނާނެ ކަމަށެވެ. އެ ކަމިޝަންގެ ވިސްނުމަކީ އެއީ އެހެން މިނިސްޓްރީތަކުގައި ގިނައިން ތިބި މުއައްޒަފުން މަދުން ތިބި މިނިސްޓްރީތަކަށް ބަދަލުކުރުމެވެ.
އޮޑިޓް ކުރުމުގެ ބޭނުމަކީ މުއައްސަސާއެއް ކުރިއަށް ދިއުމަށް މަގުފަހި ކުރުން ކަމަށާއި އޮޑިޓްގެ ފައިދާ ސީއެސްސީގެ ކުންފުނިތަކަށް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
"ކަނޑައެޅިފައި އޮތް މިންގަނޑެއްގެ ތެރެއިން އޮޑިޓް ކުރެވޭ ކަމަށްވާ ނަމަ އެއް ފެންވަރެއްގައި އިދާރާތައް ހިންގަމުންދާކަމުގެ ޔަގީންކަން ތަނަވަސް ވެގެންދާނެ."
ފާހަގަކުރާ ކަންތައްތައް ކިހާވަރަކަށްތޯ އެޓެންޑް ކުރަނީ އެކަންތައްތަކަށް ރިވިއުކޮށް ބަލަމުން ދަނީ. ޚާއްސަ ގޮތެއްގައި މި ކުރެވޭ އޮޑިޓްތަކުން ބައެއް މައްސަލަތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެކަންތައްތައް ހައްލު ކުރާ ކަމަށް ފާހަގަވޭ،" ސައީދު ވިދާޅުވިއެވެ.
ސިވިލް ސާވިސްގެ އޮޑިޓުން ފާހަގަވި ބައެއް ކަންތައްތައް
އެޗްއާރު އޮޑިޓް:
ހިއުމަން ރިސޯސް އޮޑިޓް (އެޗްއާރު އޮޑިޓް) ހިންގިއިރު އެ ކަމިޝަނަށް ވަނީ ހަތް ކަމެއް ފާހަގަ ވެފައެވެ. އޭގެ ތެރޭގައި ބައެއް ދާއިރާތަކުގެ މުއައްޒަފުން އިތުރު ކަމަށާއި އަނެއް ބައި ދާއިރާގެ މުއައްޒަފުން މަދު ކަމަށް ފާހަގަ ކުރެވުނެވެ. އަދި ބައެއް މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމާއި ވަޒީފާގެ މާހައުލުގައި އޮގަނައިޒްކުރުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން ޖާގައިގެ ދަތިކަމާއި ފައިލް ކުރުމުގައި މައްސަލަތައް ފެނިފައިވާ ކަމަށް އެކަމިޝަނުން ބުނެއެވެ.
ކޮންޕްލެއިންސް އޮޑިޓް:
މުއައްޒަފުންނާ މެދު އޮފީސްތަކުން އަމަލުކުރާ އިރު ގަވައިދާ ޚިލާފަށް ކަންތައް ކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށް އެ ކަމިޝަނުން ބުނެއެވެ. އޭގެ ތެރޭގައި މުސާރަ އާއި އެލަވަންސް ދިނުމުގައި މައްސަލަތަކާއި ގާނޫނާއި ގަވައިދު ތަންފީޒު ކުރުމަށް މައްސަލަތައް ދިމާވި ކަމަށް އެ ކަމިޝަނުން ވަނީ ބުނެފައެވެ. އަދި އެކަންތައްތައް އެ މިނިސްޓްރީތަކާ ގުޅިގެން ދަނީ ހައްލު ހޯދަމުންނެވެ.
ސްޕެޝަލް އޮޑިޓް:
ސަރުކާރު ބަދަލުވުމުގެ ކުރިން އެ ކަމިޝަނުން ވަނީ ސްޕެޝަލް އޮޑިޓްތަކެއް އެކި މުއައްސަސާތަކާ އެކު ކޮށްފައެވެ. އޭގެ ތެރޭގައި ޑީއެންއާރު، އިމިގްރޭޝަން އަދި އައިޖީއެމް ހޮސްޕިޓަލް ހިމެނެއެވެ. ސައީދު ވިދާޅުވީ އޮޑިޓްގައި ފާހަގަވެފައިވާ ކަންތައްތައް އެފަރާތްތަކާއި ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އެކަންތައްތައް ތަންފީޒު ކުރަމުންދޭތޯ ވެސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި ސަރުކާރު ބަދަލުވި ފަހުން އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ޚާއްސަ އޮޑިޓެއް ކުރަން މިހާރު މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވުއެވެ. އެހެން ނަމަވެސް އެއީ ކޮން މުއައްސަސާއެއް ކަމަށް ވިދާޅެއް ނުވެއެވެ.
ހުރިހާ މިނިސްޓްރީތަކުގެ އެޗްއާރު އަދި ކޮންޕްލެއިންސް އޮޑިޓްކޮށް އެ ކަމިޝަނުން މިހާރު ވަނީ ނިންމާފައެވެ.
"އޮޑިޓް ކުރުމުގެ ބޭނުމަކަށް މި އޮންނަނީ މައިގަނޑު ގޮތެއްގައި ކަމެއް ބޭނުން ވީމަ އެކަމަށް ވަނުމުގެ ބަދަލުގައި އަޅުގަނޑުމެން ބޮޑަށް މި ބަލަނީ އެއީ ތަނުގެ ކުރިއެރުމަށް ކުރާ ކަންތައްތަކެއްގެ ގޮތުގައި. އެގޮތަށް ރާވާލެވިގެން އަޅުގަނޑުމެން މަސައްކަތް ކުރިއަށް މި ގެންދަނީ،" ސައީދު ވިދާޅުވިއެވެ.
އޮޑިޓް ރިޕޯޓް އާންމު ނުކުރަން އެކަމިޝަނުން ނިންމާފައި ވަނީ އެ އޮފީހަކާއި ކަމިޝަނާ ގުޅިގެން ކުރަމުންދާ ކަމަކަށް ވާތީ އާއީ އެއީ އިދާރާތަކުގެ ކުރިއެރުމަށް ކުރަމުންދާ ކަމަކަށް ވާތީއެވެ.