ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ފްލެޓްތަކަށް ވަދެވޭނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވީ ހިޔާ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލެވޭނީ ނޮވެމްބަރ މަހުގެ މެދު ތެރޭގައި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކޮންޓްރެކްޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި އެހާތަނަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ޚާއްސަ ކޮމެޓީގެ "ރެކޮމެންޑޭޝަން" ސަރުކާރަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ރެކޮމެންޑޭޝަނަށް ފަހު އަޅުގަނޑުމެންނަށް ދެން އިއުލާން ކުރަންޖެހިއްޖިއްޔާ އިއުލާން ކުރަމުން ގެންދާނީ އެޕްލިކޭޝަނަށް. އެހާތަނަށް ވާއިރުގައި އަޅުގަނޑުމެންނަށް ފްލެޓްތަކަށް ވާ ޕްލެޓްފޯމް އަޅުގަނޑަށް ހީވާ ގޮތުގައި އޮންނާނީ ގާއިމްކުރެވިފައި. އެއިރެއްގައި އޮންނަ ސިޔާސަތާ އެއްގޮތަށް އެ ޕްލެޓްފޯމާ އެއްގޮތަށް އެކަންތައްތައް ކުރިއަށް ދާނީ. އެއްވެސް މަސައްކަތެއް ފިޒިކަލީ ހުއްޓިގެނެއް ނުދޭ. އަޅުގަނޑުމެން މިބަލަނީ އަންނަ އަހަރުގެ ނޮވެމްބަރުމަހާ ހަމައަށް މަސައްކަތް ނިމިގެންދާނެ ކަމަށް،" އާތިފާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން މިހާރު ތަރައްގީކުރަމުން އަންނަ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މި އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ނިމި އެތަންތަނަށް ވަދެވޭ ވަރުވާނެ ކަމަށް ކޮންޓްރެކްޓަރުންނާ ހަވާލާދީ އެޗްޑީސީން ބުނެފައިވާ ކަމަށެވެ. އަދި އެ ތަންތަން ލިބުނު ކަމުގެ ލިޔުން ދިން އިރު ވެސް އެ ގޮތަށް ބުނެފައި ވެއެވެ. ހުޅުމާލޭގައި ތަރައްގީކުރާ 25 ބުރީގެ ޓަވަރުތަކުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް ނިމިދިޔަ ސަރުކާރުން ބުނެފައި ވެއެވެ.
މިނިސްޓަރު އާތިފާ ވިދާޅުވީ މިހާރު ފްލެޓްގެ ލިޔުން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ބެލުމަށް އެމިނިސްޓްރީގެ ބައިވެރިވުމާ އެކު އެކަމަށް އުފައްދާފައިވާ ކޮމެޓީން ބަލާނެ ކަމަށެވެ. އަދި އެ ކޮމެޓީން ހިޔާ މަޝްރޫއުގައި މައްސަލަތަކެއް އުޅޭތޯ ބަލައި ދިރާސާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ނަމަ ކޮމެޓީން ނިންމާ ގޮތަކަށް ކަންތައްތައް ކުރައްވާނެ ކަމަށް އާތިފާ ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވާން ކުޑަތަން ވެފައި ވަނިކޮށް ނިމިދިޔަ ސަރުކާރުން ވަނީ 7000 ފްލެޓް ލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ލިޔުން ދޫކޮށްފައެވެ. ނަމަވެސް އާ ސަރުކާރު ހުވާކުރަން އޮތް ދުވަހު ލިޔުން ދޫކުރުން ހުއްޓައިލިއެވެ. އެ ތަނުގައި އެ ދުވަހު ވެސް ގިނަ އަދަދެއްގެ މީހުން އެތައް އިރެއް ވަންދެން ކިޔުގައި ތިއްބެވެ.