ފެނަކަ ކޯޕަރޭޝަނަކީ ދެން ސިޔާސީ ޖަގަހައަކަށް ނުވާނެ ކަމަށާއި، ކެމްޕެއިން ޖަގަހައަކަށް އެތަން ނުހެދިޔަސް ސަރުކާރުގެ ސިޔާސަތުތައް ހިންގޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މީޑީއާއަކާ ވާހަކަ ދައްކަވަމުން، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސައީދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓުމުގައި ފެނަކައިގެ ރޯލު ވަރަށް ބޮޑު ކަމަށާއި، ކެމްޕެއިން ޖަގަހައެއްގެ ގޮތުގަައި ފެނަކައިގެ ބޭނުން ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ހިންގާފައިވާތީ، އެކަމަށް އިޝާރާތްކުރެއްވުމުގެ ގޮތުންނެވެ.
"ރައްޔިތުންގެ ވަރަށް އަސާސީ ޚިދުމަތް ދޭ ކުންފުންޏަކަށް ވާތީ، ސަރުކާރުގެ ސިޔާސަތުތައް ވަރަށް ރަނގަޅަށް އެތާ ތެރެއިން ދެމެހެއްޓެން ޖެހޭނެ. ދެން އަޅުގަނޑު ޤަބޫލެއް ނުކުރަން އެއީ ސިޔާސީ ކެމްޕެއިން ޖަގަހައެއް ކަމަކަށް. ކެމްޕެއިން ޖަހަގައަކަށް އެތަން ނުހެއްދެވިއަސް ސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓޭނެ އަދި ތަންފީޒު ކުރެވޭނެ،" ސައީދު ވިދާޅުވިއެވެ.
ފެނަކަ ކުންފުނީގެ މުވައްޒަފުން ކޮންމެ ފިކުރެއްގައި ތިއްބެވި ނަމަވެސް އެ ކުންފުނިން ދޭ ޚިދުމަތަކީ ރައްޔިތުންގެ އަސާސީ ޚިދުމަތަކަށް ވީތީ، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ވަރަކަށް އިހުމާލުވެއްޖެ ނަމަ އޮންނަ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސިޔާސީ ސަބަބުތަކާ ހެދި މުވައްޒަފުންނަށް ފިއްތުންތައް ކުރިމަތި ކުރުވައި ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަމާއި، ސިޔާސީ ބޭނުންތަކަށްޓަކައި އެ ކުންފުނީގެ ބޭނުން އެކި ގޮތް ގޮތުން ހިފައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ކުރުން ހުއްޓަން ޖެހޭ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ހަމަ ވަރަށް ކެރިހުރެގެން ދަންނަވާނަން މި ސަރުކާރުގަ މި ކުންފުނީގައި ކޮރަޕްޝަނާއި ވައްކަމަށް މަގުފަހިވާ ފަދަ އަމަލެއް އަޅުގަނޑުމެންނެއް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކުގެ ފެނާއި، ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރަކަށް ސައީދު އައްޔަނުކުރައްފައި ވަނީ 16 ޑިސެމްބަރ 2018 ގައެވެ.