ދިވެހި ބޭސްވެރިކަމަކީ ވެސް، ރާއްޖޭގެ ވަށައިޖެހިފައިވާ ޞިއްޙީ ނިޒާމުގެ އެއް ގުނަންކަމަށާއި ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
"ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ސިއްހީ ނިޒާމުވަނީ ބަދަލުވެފައި. އެއީ ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށް ވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލަޓަނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢު ކީ ހަމަ އެންމެ ޤައުމެއް ވެސް ނެތް. އޭގެ ބަދަލުގައި ކޮންމެ ޤައުމެއް ވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން،" ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ފެށުމަށް އާދީއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހަމައެކަނި އުމްރާނީ ތަރައްޤީއަށް ވިސްނުމުގެ ބަދަލުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނީ ތަރައްގީއަށް ކަމަށެވެ. ޤައުމުގެ ކޮންމެ ފަރުދަކުމެ، ދުޅަހެޔޮ ސިއްހަަތެއްގައި ހުރުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، ހަަގީގީ ތަރައްގީއަކީ، އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް އަންނަ ތަރައްގީކަމުގައި ވިދާޅުވިއެވެ. ތަރައްގީ ހާސިލުކުރެވެނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްގީވެ ކުރިއަރައިގެންކަމަށާއި ސިއްހީ ދުޅަހެޔޮކަން ހާސިިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ހާސިލެއް ނުކުރެވޭނެކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
"ހަމައެފަދައިން ދިވެހި ބޭސްވެރިކަމަކީ، ދިވެހީންގެ މަދަނިއްޔަތާއި ދިވެހި ރަށްވެހިކަމުގެ އަގުހުރި ތަރިކައެއްވެސްމެ. އެ ތަރިކަ ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ކުރެވޭނީ މިޒަމާނުގެ ބޭސްވެރިކަމުގެ ހަމަތަކާ އެއްގޮތަށް ދިވެހި ބޭސްވެރިކަން ވެސް ކުރިއަރުވައިގެން." އެމަނިކުފާނު ވިދާޅުވި އެވެ.
އެވޭލާ ދިވެހީންގެ މެދުގައި ދިވެހި ބޭސްވެރިކަން ނަޤުލުވަމުން އައީ ލިޔެވިފައި ހުރި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އެދުރުންގެ ފަރާތުން އުނގެނި ދަސްކޮށްގެންކަމަށާއި އެހެންކަމުން ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާތަކާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއްކަމުގައި ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޭސްފަރުވާއަކީ، ދުޅަހެޔޮ ސިއްހަތެއްގެ އެއް ފަރާތްކަމަށާއި، އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ސިއްހަތަށް ފައިދާހުރި ކާނާއެވެ. އަދި ކޮންމެ ޢާއިލާއެއްގެ ވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިންގެ އެންމެ ތުއްތު ޢުމުރުގައި، އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ހާސިލެއް ނުކުރެވޭނެކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދިވެސް ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށެވެ. އެގޮތުން ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާ ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި، މިކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާއާއި ޙަރަކާތްތެރި ދިރިއުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ދިވެހިންގެ ވިސްނުން ބަހައްޓަންވީ، ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް ވެއަތުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.