މަސްތުވާތަކެތިން ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށް އިތުރު ތިން ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނޭޝަނަލް ޑްރަގް އެޖެންސީގެ ދަށުން އިތުރު ތިން ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރތައް ޤާއިމުކުރުން. އެގޮތުން ހދ. އާއި ގދ. އަދި އައްޑޫ ސިޓީގައި އަޅުގަނޑުމެން މާލޭ ސިޓީގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން މަސައްކަތްތައް ކުރިއަށް ގެންދާނެ މަރުކަޒުތައް ޤާއިމުކުރާނަން،" މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.
އޭގެ އިތުރުން އަތޮޅުތެރެއަށް އަމާޒުކޮށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނެޓްވޯރކެއް ޤާއިމުކޮށްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެފަދަ ނިޒާމެއް އެކުލަވާލެވުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތިން ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް އެންޑީއޭގެ ދަށުން ފަރުވާ ދިނުމަށް މިހާތަނަށް ފަސް ސެންޓަރެއް ވަނީ ގާއިމް ކުރެވިފައެވެ. އެއީ ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ވިލިމާލޭގައި އާއި ސ. ހިތަދޫ އާއި ޏ. ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިތުރަށް ކޮމިއުނިޓީ ސަރވިސް ސެންޓަރު ހިމެނެއެވެ.