ގދ. ހައުޑިގަލާ ކައިރީގައި ރިސޯޓެއްގެ ފެރީއަކާއި މަސް ދޯންޏަކާ ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސޮމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދެ މީހުންގެ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުން ދޫކޮށްނުލައި ބާއްވާފައި އޮތީ 24 ގަޑިއިރުގެ އޮބްޒަވޭޝަން އަކަށް ކަމަށެވެ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އައިމިނަތު ވިދާޅުވިއެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި އަނެއް ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވީ ރިސޯޓްގެ ފެރީގައި ތިބި މީހުންނަށެވެ.
އެކްސިޑެންޓްވި ދެ އުޅަނދުވެސް މިހާރު ތިނަދުއަށް ގެނެސްފައިވާ ކަމަށާއި، ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.