ޖަލުތަކުގެ އޮޑިޓް، 75 ދުވަހުގެ ތެރޭގައި ހަދަން ހަވާލު ކުރި ކޮމިޝަނުން ޖަލުތަކަށް ޒިޔާރަތްކޮށް، އިސްލާހު ކުރަން ހުރި ކަންކަން އަދި ބަލަން ނުފަށާކަން "ރާއްޖެއެމްވީ" އެނގިއްޖެއެވެ.
ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ ޖަލު އޮޑިޓުގެ މަސައްކަތް ކުރުމަތް ހަތް މެމްބަރުންގެ ކޮމިޝަނެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އުފައްދަވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް އެ މަސައްކަތް 75 ދުވަސް ތެރޭ ނިންމައި، އޮޑިޓް ފުރިހަމަ ކުރަންޖެހޭނީ އަންނަ އަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހަށެވެ.
ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގެ ރައީސް ޝައިޚް އަހްމަދު އަބްދުލް ކަރީމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކޮމިޝަނުން މި ދުވަސްވަރު މަސައްކަތް ކުރަމުންދަނީ ޖަލުތަކުގެ އޮޑިޓަށް ބޭނުންވާ ލިޔުންތައް ހޯދުމަށް ކަމަށެވެ. އޮޑިޓަށް ބޭނުންވާ ލިޔުންތައް ހޯދުމަށްފަހު، ޖަލުތަކަށް ޒިޔާރަތްކޮށް ގައިދީންނާ ގުޅޭ ބޭސްފަރުވާ ކުރިއަށްދާ ގޮތާއި ގައިދީން ބަންދުކުރާ ގޮޅިތަކުގެ ހާލަތަކާއި އިސްލާހު ކުރަންވީ ކަންކަން ފާހަގަ ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުކަން ވެސް ކުރެއްވި އަހްމަދު ވިދާޅުވިއެވެ.
ޖަލުތަކުގެ ހާލަތު ބަލައި، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގައި އަހްމަދުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލާއި ސ.ހިތަދޫ، ތެވެލި، ޑރ. ޢަބްދުﷲ އިސްނީން ހިލްމީ އާއި ރ.ކަނދޮޅުދޫ، ރިހިތަޅާގެ، އަޙްމަދު މުޙައްމަދުފުޅާއި ގ.މާލެހިޔާ 2، އަލްއުސްތާޛާ ޒުލައިޚާ ދާއޫދާއި އދ. ދަނގެތި، ސާތީ، އަލްއުސްތާޛާ ޝާދިޔާ އާދަމުގެ އިތުރުން ޏ.ފުވައްމުލައް، މާބުޅާގެ، އައިމިނަތު ނާހީން އަޙްމަދެވެ.