ވެލާނާ އިންޓަރނޭޝަނަލްގެ އާ ސީޕްލޭން ޓާމިނަލް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް)ގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސޮލާހު ވިދާޅުވެއްޖެއެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާ ގޮތް ހޮނިހިރު ދުވަހު ނޫސްވެރިންނަށް ދައްކާލުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ސޮލާހު ވިދާޅުވީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އެ ޓާރމިނަލްގެ ފައުންޑޭޝަން މަސައްކަތްތައް ނިމި މިހާރު ކުރިއަށްދަނީ އިމާރާތްކުރުމުގެ މަސައްކަތެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭގައި އޮންނައިރު، އާ ޓާމިނަލް ހަދަމުންދަނީ މިހާރު ހުރި ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުކޮށެވެ. އާ ޓާމިނަލް ތަރައްގީކުރަނީ އެއީ 28،000 އަކަ މީޓަރުގެ ޖާގައެއްގަ އެވެ.
"ސީޕްލޭން ޓާމިނަލްގެ އިތުރުން އެ ޓާމިނަލްއަށް ބޭނުންވާ މެއިންޓެނެންސް މަސައްކަތްތަކަށްވެސް ވަކި އިމާރާތެއް ޚާއްޞަ ކޮށްފައި ވާނެ. އިމާރާތުގެ ސަބަބުން ސީޕްލޭން ޓާރމިނަލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ،" ސޮލާހް ވިދާޅުވިއެވެ.
އަލަށް ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ މިހާރު ބޭނުންކުރާ ޓާމިނަލާ ތަފާތުކޮށް އިމާރާތުގެ ދެފަރާތުންވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ ޓާމިނަލްއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓަރކްޝަން ކުންފުނިކަމަށްވާ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެންނެވެ.
އެއާޕޯޓުގެ ސީޕްލޭން ބޭސްއިން ފަސްދޮޅަހަށްވުރެ ގިނަ ސީޕްލޭން އޮޕަރޭޓްކުރަމުންދާއިރު ދުވާލެއްގެ މައްޗަށް 2000 ހަށް ވުރެ ގިނަ މީހުން އެ ޓާމިނަލުން ޚިދުމަތް ހޯދައެވެ.