ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވެވި ސުހައިލް އަހުމަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ސުހައިލް އެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ "އަމިއްލަ ސަބަބުތަކެއް" ހުރުމުން ކަމަށެވެ.
އެޗްޑީސީން އެމްޑީއަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން އަލުން އައްޔަން ކުރެއްވި ސުހައިލަކީ އެޗްޑީސީ އުފެއްދި ދުވަސްވަރުން ފެށިގެން އެ ކުންފުނީގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އެޗްޑީސީއަކީ ހުޅުމާލޭގެ ތަރައްގީ ކުރުމުގެ މަޝްރޫއު މަތިކޮށްފައިވާ ކުންފުންޏެވެ.