މަޖިލީސް 19 ވެގެންދާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދައިދޭން ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެން ދާނީ ތަފާތު މަޖިލީހަކަށް ކަމަށާއި، އެ މަޖިލީސް ވެގެންދާނީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދަން ގާނޫނީ ބާރު ހޯދާއިދޭ މަޖިލީހަށް ކަމަށެވެ.
އަންނަ އަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަން ގޮޅީ މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ރައީސް ނަޝީދު ވިދާޅުވީ، 19 ވަނަ މަޖިލީހަކީ ދިވެހިރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިދޭން އެމްޑީޕީން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ އެންމެ ވަރުގަދަ ސްޓޭޖް ކަމަށެވެ.
'' ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ އެންމެ މަތީގެ. އެގޭގައި ނިންމާ ނިންމުން ތަކަކީ ދިވެހި ރައްޔިތުންގެ އާއްމު ހާލަތު އެންމެ ބޮޑަށް އަސަރުކުރާނެ ނިންމުންތައް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރައްވަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި. އެ ބޭފުޅުން ނިންމާވާ ނިންމެވުންތައް ބިނާވަނީ ތިބޭފުޅުންގެ އާއްމު ހާލަތަށް'' އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އިންސާފު ގާއިމު ކުރެވޭނީ އެމްޑީޕީ އަށް މަޖިލިސް މެޖޯރީޓީ ލިބިގެން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
''ރައްޔިތުންގެ މަޖިލީހުގެ އަގްލަބީއްޔަތު ނުލިބޭނަމަ ޝަރުއީ ނިޒާމެއް އިސްލާހެއް ނުކުރެވޭނެ. އެ ނިޒާމު އިސްލާހު ކުރުމަށް އެދެނީ ނަމަ ދެން ރައްޔިތުން ކުރާން އޮތް ކަންތައް ވަރަށް ސާފު. އެއީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ޢަޢުލަބިއްޔަތު ދެއްވުން'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، ދެން އޮންނަ މަޖިލިސް ވެގެންދާނީ ނަމޫނާ މަޖިލީހަކަށް ކަމަށެވެ.