ކަނޑައަޅާފައިވާ މިންގަނޑަށް ވުރެން އިތުރަށް ރިސޯޓުތަކުގައާއި ގެސްޓްހައުސްތަކުގައި ދިވެހިން ގެންގުޅޭނަމަ ޓެކްސް ދެއްކުމަށް ލުއިތަކެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ގެސްޓް ހައުސް މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ރިސޯޓުތަކުގައި ކަނޑައަޅާފައިވަ ނިސްބަތަށް ދިވެހިން ނުގެންގުޅޭ މައްސަލައަށް ހައްލެއް ގެނައުމަށް މިކަން މުހިންމު ކަމަށެވެ. މި ލުއިތަކުގެ ސަބަބުން ދިވެހިންނަށް ރިސޯޓުން ވަޒީފާ ލިބުމަށް މަގުފަހި ވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިސޯޓުތަކުން މުވައްޒިފުންނަށް ސާވިސް ޗާޖުނުދޭ މައްސަލަ ފާހަގަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ. ގެސްޓް ހައުސް ވިޔަފާރިތައް ތަރައްގީ ކުރެވޭނީ ރަށް ރަށުގައި ހުރި ވަސީލަތްތައް އިތުރަށް ތަރައްގީ ކޮށްގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެގޮތުން ރަށްރަށުގެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކުނި މެނޭޖު ކުރުމާއި، ފެނާއި ނަރުދަމާއާއި، ސިއްހީ ހިދުމަތާއި ބަނދަރު ވެސް ތަރައްގީ ކުރެވެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގެސްޓް ހައުސް ވިޔަފާރި ފުޅާކުރަން ބޭނުންވާނަމަ، އެ ރަށެއްގައި ރަނގަޅު ފެންވަރުގެ ބަނދަރެއް އޮންނަންޖެހޭ. އެރަށަކުން، އެކަށީގެންވާ ރަނގަޅު ޞިއްޙީ ޚިދުމަތް ލިބެން ހުރުމަކީވެސް، ގެސްޓް ހައުސް ވިޔަފާރިއަށްޓަކައި ހަމަ އެހާމެ މުހިންމު ކަމެއް. މިއިން އެނގެނީ ރަށްރަށް ތަރައްޤީކޮށްގެން މެނުވީ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވެން ނެތްކަން. ފަތުރުވެރިކަން ކުރިއަރުވައިގެން ނޫނީ، ރަށްރަށް ތަރައްޤީ ކުރެވެންވެސް ނެތްކަން. އެހެންކަމުން، ރަށުގެ ތަރައްޤީއަކީ އޭގައި ގެސްޓް ހައުސް ވިޔަފާރި ޝާމިލުވެފައިވާ، ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމަކަށް ހަދަންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަދުގެ މަހާސިންތާގެ ބައިވެރިންގެ ހުށައެޅުންތަކާއި އެކު ޓޫރިޒަމް މިނިސްޓްރީއިން ތައްޔާރު ކުރާ ޑައިރެކްޓިވްއަށް ރިއާޔަތް ކުރުމަށް ފަހު، މި ފެށޭ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންއެއް އެކުލަވާލައްވާނެ ކަމަށެވެ.
"ތިޔަބޭފުޅުންގެ ހުށަހެޅުންތަކާއެކު ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރާ ޓޫރިޒަމް ޑައިރެކްޓިވްއާމެދު، ސަރުކާރުގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅިގެންދާނެ ވާހަކަ ދަންނަވަން. އަދި މި ފެށޭ އަހަރުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން އަލުން އެކުލަވައިލާއިރު، މިބައްދަލުވުމުގެ ހުށަހެޅުންތައް، މާސްޓަރ ޕްލޭންގައިވެސް ހިމެނިގެންދާނެ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް މަހާސިންތާ ހޮނިހިރު ދުވަހު ނިމިގެން ދިޔައިރު މި މަހާސިނަތާގައި 400 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައިި މަސައްކަތް ކުރައްވާ ބޭފުޅޫންނާއި އެ ސިނާއަތާއި ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.