ގާތްގަނޑަކަށް 400 މީހުންނާއެކު ގެސްޓް ހައުސް މަހާސިންތާ ފަށައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް މަހާސިންތާ ދަރުބާރުގޭގައި މިއަދު ހެނދުނު ފަށާފައި ވާއިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭނުގައި ޓޫރިޒަމް މިނިސްޓްރީން ފުއްދަންޖެހޭ ވައުދުގެ ތެރެއިން ދެ ވައުދެއް ފުއްދާފައިވާ ކަމަށެވެ. އެ ދެ ވައުދަކީ ގެސްޓް މަހާސިންތާ ބޭއްވުމާއި ޓޫރިޒަމް އިޝްތިހާރުކުރުމުގެ ބަޖެޓް ތިން ގުނަކުރުމެވެ،
ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އޮޅުން ފިލުވައި ހައްލު ހޯދައި ދިނުމަށް ބާއްވާ މަހާސިންތާގައި، އެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ކައުންސިލްތައް ބައިވެރިވެ އެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި މި މަހާސިންތާގައި މަޝްވަރާކުރެވޭ ކަންކަން ޓޫރިޒަމްގެ ފަސް ވަނަ މާސްޓަރ ޕްލޭންގައި ހިމަނާނެ އެވެ.
މި ސަރުކާރުން ވެފައިވާ ވައުދުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރި ތަރައްގީކުރަން ފައިސާ ލިބޭނެ ގޮތެއް ހެދުމާއި ރަށްތަކުގެ ބިންތައް ހަމަހަމަކޮށް އަގުކުރުމާއި. ކައުންސިލް އިދާރާ ރަށްތަކުގެ ފަންޑް އޮފީހުގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން މެޑިކަލް ކުޅިވަރު އަދި ކަލްޗަރަލް ޓުއަރިޒަމް ފުޅާކުރުން ހިމެނެ އެވެ. އަދި ފަސް އަހަރު ތެރޭގައި ގެސްޓް ހައުސްތަކުގެ ޖާގަ 35000 އެނދު ބަދަލުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.
މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު މިރޭ ބާއްވާއިރު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނައެވެ.