ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފިއެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތީ ހުކުރު ދުވަހުގެ ރޭ އެއްވުމެއް ބޭއްވުމަށް ރާވާ އިއުލާނުކޮށްފައި ވަނިކޮށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ ކަމަށެވެ. ހަރަކާތްތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާނު ކުރަށްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ
ޕީޕީއެމްގެ ސިޔާސީ ހަރަކާތް މެދުކަނޑާލި ސަބަބެއްގެ ގޮތުގައި މުންދު ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ މުޅި ރާއްޖޭގައި މެމްބަޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދަވާތީ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށްޓަކައި ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަނުން އޭނާއަށް ހުއްދަ ދެއްވާފައެއް ނުވެއެވެ. އެއީ އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި އޭނާ ހުންނެވުމުންނެވެ. އެހެންކަމުން ޕާޓީ އުފެއްދުމަށް އަލުން އަބްދުއްރަހީމް ހުށަހެޅުއްވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށް ފަހުގައެވެ.
ޕީއެންސީ އުފެއްދުމުގެ މަސައްކަތް ކުރުމަށް އަބްދުއްރަހީމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ ބްރާސްފަތި ދުވަހުއެވެ.
ޕީއެންސީގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 3000 މެމްބަރުން އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.