ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ގެ ދަށުން ދިވެހިރާއްޖޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވުމުން ޗައިނާއިން ތައުރީފް ކޮށްފިއެވެ.
ޗައިނާގެ ނޫހެއް ކަމުގައިވާ ޒިންވާ އަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ބީއާރްއައިގެ ސަބަބުން ދިވެހިރާއްޖޭގައި ބޮޑެތި ގެދޮރިވެރުކުރުމުގެ މަޝްރޫއުތަކާއި އުމްރާނީ މަޝްރޫއުތަކެއް، ހާއްސަކޮށް ސިނަމާލޭ ބްރިޖު ނިންމަން މަގުފަހި ވެގެން ދިޔަ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރަމަށް ރާއްޖެއިން ކުރިޔަށް އޮތް ތާނގައި ވެސް ބީއާރްއައިއަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅާއި ގުޅިގެން ނޫސްވެރިއަކު ޗައިނާގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވާ ޗުންޔިންގް ވިދާޅުވީ ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ވަރުގަދަ ކުރަން ދިވެހި ސަރުކާރުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.
ވާ ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖެ ގުޅިގެން ހިންގި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ މަލަމަތި ބަދަލުވެ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖެއްސިފައިވާ ކަމަށެވެ. ސިނަމާލެ ބްރިޖަށް އިޝާރާތް ކުރައްވާ، ވާ ވިދާޅުވީ ބްރިޖަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ދިވެހިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔުން ކަމަށެވެ. އަދި މި ބްރިޖުގެ ސަބަބުން ދިވެހިންނަށް ދަތުރުފަތުރު ކުރުމުގައި އިތުރު ލުއިތަކެއް ލިބިގެން ދިޔުމުން ދިވެހިން ވަރަށް އުފަލުން މި މަސައްކަތް ބަލައިގެންފައިވާ ކަމަށް ވާ ވިދާޅުވިއެވެ.
ވާ އިތުރަށް ވިދާޅުވީ ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ރާއްޖޭގެ އައު ސަރުކާރަށް އެއްބާރުލުން ދޭން ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ބީއާރްއައިގެ އޮނިގަނޑުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ވެސް ތައްޔާރަށް އޮންނެވި ކަމަށް ވާ ވިދާޅުވިއެވެ.
ބީއާރްއައިއަކީ ޗައިނާއިން އެ ގައުމުގެ އިގްތިސާދީ ބައިވެރިންގެ ގޮތުގައި އޮތް ގައުމުތަކުގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ކުރިމަގުގެ ތަރައްގީއަށް ކުރާ މަސައްކަތަށް ދެވިފައިވާ ނަމެކެވެ. ނަމެވެސް ފާޑު ކިޔާ ފަރާތަތަކުން ބުނަމުން ދަނީ މިއީ ޗައިނާއިން އެހަން ގައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.