ހަފުތާ ރެސްގެ ފައިދާތައް ވަރަށް ގިނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރ އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ''ހަފްތާ ރެސް'' މާކެޓް އިފުތިތާހުކޮށް ދިނުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ ރައްކާތެރި މާހައުލެއްގައި އިންތިޒާމު ކުރެވިގެން ބާއްވާ ވިޔަފާރީގެ ފުރުސަތުތަކާއި މުނިފޫހިފިލުވުމުގެ ފުރުސަތުތަކަކީ އޭގެ ސަބަބުން ޒުވާނުންނަށް ވަރަށް ފައިދާ ލިބިގެން ދާނެ ކަމެއް ކަމަށެވެ.
''އަޅުގަނޑު ހިތުން މިއީ ވަރަށް މުހިއްމު މުނާސަބާ ހަފްލާއެއް. މާލެ ކަހަލަ މީހުން މީހުން ގިނަ ރަށްރަށުގައި ހަރަކާތްތަކުން ނުކުންނާނެ އިޖްތިމާއި ފައިދާތައް ވަރަށް ރަނގަޅު'' މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހަފުތާ ރެސްއަކީ ޒުވާނުންގެ ހުނަރުތައް ދެއްކުމަށް ރަގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުރިހާ ސްޓޯލްތަކަކަށް ވަކި ވަކިން ޒިޔާރާތް ކުރައްވާފައެވެ.
ހުކުރު ދުވަހުގެ ރޭ ފެށި މާކެޓް ކުރިއަށް ދިޔަ ގޮތާއި ބެހޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފު ވިދާޅުވީ، މި މާކެޓްގެ ފެށުން އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅު ކަމަށެވެ. މިހާރު 69 ސްޓޯލް ހުއްޓަސް ކުރިއަށް އޮތްތާގައި އިތުރު ފަރާތްތަކަށް ސްޓޯލް ތަކުން ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އަޅުގަނޑުމެން ޖާގަ އޮތްވަރަކުން ފުރުސަތުތައް ހަމަ ހުޅުވަމުންދާނީ. އެ ގޮތަށް މަސައްކަތް ކުރާނީ. ދެން މީގާ ވަރަށް ބޮޑަށް އަޅުގަނޑުމެން އެންމެ މުހިއްމު ކަމެއް މިދެނީ ވީހާވެސް ގިނަ ބަޔަކަށް މި ފުރުސަތު ދިނުން،'' މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
ހަފުތާ ރެސްގެ ހަވީރު ގަޑި ހާއްސަ ކޮށްފައިވަނީ ކުޑަކުދިންނަށް ކަމަށާއި ހުކުރު ދުވަހުވެސް ގިނަ އަދަދެއްގެ ކުދިންތަކެއް ހަރަކާތްތަކުގައި ބައިވެރިވިކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
ހަފުތާ ރެސް މިހާ ފުރިހަމަ ވެގެންދިޔައީ ގިނަ ޒުވާނުންތަކުގެ އެއްބާރުލުމާއެކުގައި ކަމަށް މަހުލޫފު ވިދާޅުވި އެވެ.