ކުރިޔަށް އޮތް ދުވަސް ތަކުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
''ހަފްތާ ރެސް'' މާކެޓް ބައްލަވާލެއްވުމަށް ވަޑައިގެން، އެ ސަރަހައްދުގައި ހުންނަވާ ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި މާކެޓާކީ ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދާ މާރުކެޓެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތާގައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
''މިރެއަކީ ފުރަތަމަ ރޭ. އަޅުގަނޑަށް ފެނިގެން މި ދިޔައީ ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި. އަދި މީގެ ބޭނުން ތެރިކަން ފެނިގެން ދިޔައި އިރާދަ ކުރެއްވިއްޔާ އަދި ކުރިއަށް މިއޮތްތަނުގައި މިއަށްވުރެ ބޮޑަށް މިކަން ރަނގަޅު ކުރެވި ރައްޔިތުންނަށް ހާއްސަ ކޮށް ޒުވާނުންނަށް އަމާޒު ކުރެވިގެން ހިނގާ ކަންތައްތައް ކުރިއަށ ދާނެ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ވިދާޅުވީ، މި މާކެޓް މިހާ ފުރިހަމަކާމައި އެކު ދަނީ ޔޫތް މިނިސްޓްރީގެ އެއްބާރުލުމާއި އެކުގައިކަމަށާއި، އެކަމަށްޓަކައި ރައީސް ސޯލިހް މިނިސްޓްރީގެ މުވައްޒިފުންނަށް ޝުކުރުއަދާކުރެއްވި އެވެ.
ރައީސުް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކޮންމެ ހަފްތާއެއް ނިންމުމުގެގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ "ހަފުތާ ރެސް" ބައްލަވާލެއްވުމަށްފަހު ރައީސް ވަނީ މާކެޓްގެ 69 ސްޓޯލަށް ވަކި ވަކިން ޒިޔާރަތް ކޮށް ސްޓޯލްގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މި ހަރަކާތަކީ އާންމު ފަރުދުންނާއި ޒުވާނުންނާއި، އަންހެނުންނާއި، އަދި ޙާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއަރުވައި، އެ ފަރާތްތަކުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.