މި އަހަރުގެ އެންމެ ފަހު ހުކުރު ޚުތުބާގައި މުސްލިމު މުޖުތަމައަށް އަމާޒުކޮށް އިބުރަތްތެރި ނަސޭހަތްތަކެއް ދީފިއެވެ.
އިބުރަތް ހާސިލު ކުރުމަށް ނަސޭހަތްތެރިވެ، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އިއްވި، ހުތުބާގައި ބުނެފައި ވަނީ އަހަރެއް ނިމި އާ އަހަރެއް ފެށިގެންދާއިރު، އެ މީހެއްގެ އަމަލުތައް ބައްޓަން ކުރި ގޮތާ ދޭތެރޭގައި ވިސްނާލަންޖެހޭނެ ކަމަށެވެ. އެގޮތުން ޚުތުބާގައި ބުނެފައި ވަނީ އަހަރުތައް ފާއިތުވެގެންދާއިރު އެ ފާއިތުވެގެންދާ ކޮންމެ އަހަރަކީވެސް މަރު ތިމާއާ އިތުރަށް ގާތްކުރާނެ ދުވަސްތަކެއް ކަމަށެވެ.
"އަހަރަކަށްފަހު އަހަރެއް ފެށިގެންދާ ތަންވެސް އަޅުގަނޑުމެންނަށް ފެނެއެވެ. ފާއިތުވެގެންދާ ކޮންމެ އަހަރަކީވެސް، އެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުޅަ އަމަލުތަކާމެދު އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ އަހަރެކެވެ. އަޅުގަނޑުމެންގެ ހަޔާތުން ނިމިގެންދާ ކޮންމެ ދުވަހަކީ އަޅުގަނޑުމެންގެ އަނބިދަރިންނާއި، އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނާއި، އަޅުގަނޑުމެންގެ ގާތް ރައްޓެހިންނާއި އެކީގައި ހޭދަކުރެވޭ ދުވަސްތައް މަދުވެ، އަޅުގަނޑުމެންގެ އަޖަލު ގާތްކޮށްދޭނެ ދުވަހެކެވެ،" ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައި ވަނީ އިންސާނާ ދުނިޔޭގައި ހުންނަން ލިބޭ މަދު ދުވަސްތައް ހެޔޮ ގޮތުގައި ހޭދަކޮށްފި މީހާ ސުވަރުގެ ވަންނާނެ ކަމަށާއި، މާތް ﷲ ހަރާމް ކުރެއްވި ކަންކަމުގައި ދުވަސްތައް ހޭދަކުރާނަމަ ﷲ ގެ އަޒާބަށް ހުށައެޅިގެންދާނެ ކަމަށެވެ. އަދި ﷲ އަށް އީމާން ވުމުގެ އިތުރުން އާޚިރަތް ދުވަހަށް އީމާން ވުމާއި ފޮތްތަކަށް އީމާން ވުމުގެ މުހިއްމުކަމަށް ވެސް ޚުތުބާގައި އަލިއަޅުވާލާފައި ވެއެވެ.
އައު އަހަރެއް ފެށިގެންދާއިރު، ފާއިތުވި މާޒީން އިބުރަތް ލިބިގަތުމުގެ މުހިއްމު ކަމަށް ވެސް މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރި ނުވުމާއި، އީމާންތެރިކަން ބަލިކަށި ވުމަކީ ފާއިތުވި އުއްމަތްތައް ހަލާކުވެގެން ދިއުމުގެ ސަބަބެއް ކަމަށް ބުނެފައިވެއެވެ.
" އެ ޤައުމު ތަކުގެ މީސްތަކުންގެ އީމާންކަން ބަލިކަށިވެ އެބައިމީހުންގެ ހިތްތަކުގައި ﷲ ތަޢާލާއަށް އޮތް ބިރުވެތިކަން ފިލައިގޮސް އެ އިލާހަށް އުރެދުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންގެ ހާލަތު އެ އިލާހު ބަދަލު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ނިއުމަތްތަކުން އެބައިމީހުން މަޙުރޫމުވިއެވެ. އަދި ބަލިމަޑުކަމާއި މުސީބާތްތައް އެމީހުންނަށް ކުރިމަތިވެ އެމީހުން ހަލާކުވެގެން ދިޔައެވެ." ފާއިތުވި އުއްމަތްތައް ހަލާކުވެގެން ދިޔަ ގޮތުގެ ވާހަކަ ބަޔާން ކުރަމުން ޚުތުބާގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ، މުޖުތަމައުގައި ހިނގާ އެކިއެކި މުންކަރާތްތައް ހުއްޓުވުމަށް ގޮވާލަން ޖެހޭނެ ކަމަށާއި، ދުނިޔެއަށްވުރެ އާޚިރަތް އިސްކުރަން ޚުތުބާގައި ހަނދާން ކޮށްދެއްވާފައިވެއެވެ.
ގިނަ ގުނަ އިބުރަތްތަކާ ނަސޭހަތްތަކެއް ދީފައިވާ މިއަދުގެ ޚުތުބާއަކީ 2018 ވަނަ އަހަރުގެ ފަހު ހުކުރު ޚުތުބާއެވެ.