ދިވެހި ތާރީހާއި އަދަބިއްޔާތަށް ހިދުމަތްތަކެއް ކުރެއްވި މުޙައްމަދު ވަޙީދު ނަދުވީ އަވަހާރަވެއްޖެއެވެ.
ނަދުވީ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ހުކުރު ދުވަހުގެ ހެނދުނުއެވެ. އެމަނިކުފާނުގެ ފައިންޕުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން، މި މަހުގެ ކުރީކޮޅުން ފެށިގެން ގެންދަވަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުންނެވެ.
ތާރީހީ ދިރާސާތައް ކުރެއްވުމުގައި މަޝްހޫރު ނަދުވީ ވަނީ ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ތާރީހީ ދިރާސާތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފުޅު ކުރައްވައި އާސާރީތަންތަން ދިރާސާކޮށް، ތާރީހީ ލިޔުންތައް އެއްކުރައްވައި ދިރާސާތައް ހެއްދެވިއެވެ.އަދި ތާރީހީ ބައެއް ކަންކަމުގައި ހުރި ހިލާފުވުންތަކަށް ހައްލެއް ހޯދައި، ދިރާސާތަކުގެ އަލީގައި އެކަމަށް ދަލީލުތައް ދެއްކެވިއެވެ.
އެގޮތުން ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާމެދު އުފެދިފައިވާ ހިލާފުވުންތަކަށް ދިރާސީ ނަޒަރަކުން ބަލައި، އެކަމުގެ ބަހުސް އެންމެ ފުރަތަމަ ފެއްޓެވި ބޭފުޅަކީ ވެސް ނަދުވީއެވެ.
އަދަބިއްޔާތުގެ ދާއިރާއިން އިންޑިއާއިން މާސްޓާސް ހައްދަވާފައިވާ ނަދުވި ވަނީ ޕޮލެޓިކަލް ސައިންސްގެ ދާއިރާއިން ވެސް މަތީ ތައުލީމު ހާސިލު ކުރައްވާފައެވެ. އޭނާއަކީ ދިވެހި ގިނަ ޓީޗަރުން ތަމްރީނު ކުރައްވައި، ގައުމީ ޔުނިވާސިޓީގައި ކިޔަވައި ދެއްވި ލެކްޗަރާއެކެވެ.