އަލަން އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ވަގުން ހިފާ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫ ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ އާދިލް ސަލީމްގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް ކ. މާފުށީގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ތެދުވެރި އަމާނާތްތެރި މަޖިލިސްއަކަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވާނީ ފައިސާ ގޯނީގެ ވާހަކަ ނުދައްކާ މަޖިލީހަކަށް ކަމަށެވެ. އެ މަޖިލީހުން ރައްޔިތުންގެ ހާލު ބަލާނެ ކަމަށާއި، މާލީ ބަޔާން ހާމަކުރާނެ ކަމަށާއި، ސިއްރުވެރި ނުވާނެ ކަމަށް ވިދާޅުވިއެވެ. މިފަދަ މަޖިލިސްއަކަށް ރައްޔިތުންގެ މަޖިލިސް ހެދުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ޝަރުއީ ނިޒާމް އިސްލާހުވެގެންދާނެ މަޖިލީހަކަށް ކަމަށެވެ. މިހާރު ހިނގަމުންދާ ޝަރީއަތުގެ ކަންކަން އެއީ އިންސާފުވެރި ޝަރީއަތްތަކެއް ނޫން ކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް ވާޖިބަކަށް ވެގެންދާނީ އިންސާފު ގާއިމްކުރުން ކަމަށެވެ.
ބޭރުގެ ބޮޑެތި ޖަމާއަތްތަކާ ގުޅިގެން ނާޖާއިޒު ފައިސާ ރާއްޖެ ގެނެސް، މާލީ ނިޒާމުގެ ތެރޭގައި ދައުރުކޮށްފައި ވާތީ، ރާއްޖޭގެ މާލީ އިދާރާތަކަށާއި ބޭންކްތަކަށް ބޭރު ގައުމުތަކުން ކުރާ އިތުބާރު ކުޑަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ކޮންމެ ދުވަހަކު ދިވެހީންގެ ބޭންކް ބޭންކް އޮފް މޯލްޑިވްސް އަދި ދިވެހިރާއްޖޭގެ މައި ބޭންކް އެމްއެމްއޭއިންވެސް އެ ދަނީ ބޭރުގެ ފަރާތްތަކުގައި އެދެމުން ، މި ރާއްޖޭގައި ހިންގާ ވިޔަފާރިތަށް ހުއްޓާނުލުމަށް.މި ދަރަޖައަށް މިކަންކަން ގޮސްފައިވަނީ ކުރީ ސަރުކާރުން މަނީ ލޯންޑްރިންގެ ހަރަކާތްތަށް އިންތިހާއަށް ހިންގާފައިވާތީ"
ރާއްޖޭގެ ސަރުކާރުން ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ މާލީ އިދާރާތަކުން ވައްކަންކޮށްފައިވާ މިންވަރު އިންތިހާގައި އެބަ ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ވައްކަންތަށް ބަލައި ތަހުގީގްކޮށް އަދަބު ލިބެންޖެހޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އޮތް ހަމައެކަނި އިދާރާއަކީ ރާއްޖޭގެ ރައްޔިތުން މަޖިލިސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް އެއީ މި މަސައްކަތްތަށް ހިންގާނެ މަޖިލީހަކަށް ހެދުން އެއީ މިހާރު ރައްޔިތުންނަށް ލިބިފައި އޮތް ފުރުސަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.