ކ. ބޮލިފުށީ އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރާތުގައި އޮންނަ ގިރިއަށް އެރި ދޯނި އެމްއެންޑީއެފުން ފުންކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ "އަޒުމް 2" ނަމަކަށް ކިޔާ 50 ފޫޓްގެ މި ދޯނި ގިރިއަށް އެރި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ބުރާސްފަތިދުވަހުގެ ރޭ 9:40 ހާއިރު ކަމުގައެވެ.
މި ހާދިސާ ހިނގާފައިވަނީ ކ.ބޮލިފުށީ އައިލެންޑް ރިސޯޓުގެ މުވައްޒަފުން ރޭގަނޑު މަސްވެރިކަން ކުރަން ކ.މަނިޔަފުއްޓަށް ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގިތާ ގިނަ ވަގުތުތަކެއް ނުވެ، އެ ދޯނީގައި ތިބި މީހުން ބޮލިފުއްޓަށް ވަނީ ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ދޯނި ފުންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 1:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.