ބޮޑެތި އަދަދުތަކުން ސަރުކާރުން ލޯނު ނަގާކަމުގައިވާ ނަމަ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގާކަމުގައިވާނަމަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ދައުރެއް އަދި މަޖިލީހުގެ ދައުރެއް އޮންނަން ޖެހޭނެ ކަމަށް ކުރިންވެސް ގަބޫލު ކުރެއްވި ފަދައިން ސަރުކާރާ ހަވާލުވުމަށް ފަހު ވެސް އެގޮތަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މާލިއްޔަތު ގަވައިދަށް ބައެއް އެހެން އިސްލާހްތައްވެސް ވެސް ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ގަބޫލުކުރަން ވަކި އަދަދަކަށް ވުރެ ބޮޑެތި ލޯނުތަކެއް ނެގިގެންދާއިރު މަޖިލީހުގެ ބަހެއް ވެސް އޭގައި އޮންނަން ޖެހޭނެ ކަމަށް. މި ވަގުތު މަސައްކަތް މި ކުރަނީ ކުރިން ހުރި ހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް،" މިނިސްޓަރ ވިދާޅުވި އެވެ.
ބޮޑެތި އަދަދުން ލޯނު ނެގުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ތެރޭގައި އެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ މާލީ ހިސާބުތައް އާންމު ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ. ކުރީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ފަރާތްތަކާއި އަދިވެސް މުހިންމު މައުލޫމާތުތައް ފިނޭސް މިނިސްޓްރީގެ ވެބްސައިޓްގައި ހާމަ ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން ވަރަށް ގިނަ ކަންތައްތަކެއް، ސިއްރުން ރައްޔިތުނަށް ހާމަނުކޮށް ކުރެވުނީމަ އިތުރަށް ގޯސްވެގެންދާތަން އެބަ ފެނޭ. އަޅުގަނޑުމެން ގަބޫލުކުރީ ޕްރޮޖެކްސްތައް ހިންގެން ޖެހޭނީ އޯޕަންކޮން ބިޑިން ޕްރޮސެސްގައި އޭ، ޓްރާސްޕޭރެންޓްވާން ޖެހޭނެ އޭ. ދައުލަތުގެ މާލީ ހާލަތު ރައްޔިތުންނަށް އެބަ އެނގެން ޖެހޭ،" އަމީރު ވިދާޅުވި އެވެ.
އެމްޑީޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު ވިދާޅުވަމުން ދިޔަ ފަދައިން، ސަރުކާރުގެ މާލީ ހާލަތު އޮތީ ވަރަށް ދަށް ކޮން ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ކުންފުނިތައް ހިންގަން ޖެހޭ ގޮތާއި ހިލާފަށް ހިންގުމާއި ސަރުކާރުން ގެންގުޅުނު ސިޔާސަތުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ބަޖެޓް ސަޕޯޓަށް އިންޑިއާއިންނާއި އެހެނިހެން ފަރާތްތަކުން ދިން އެހީގެ ސަބަބުން ބަޖެޓްގެ ތާށިކަމަށް ހައްލެއް އައިސްފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ކުންފުނިތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި ކުންފުނިތައް ހިންގުމަށް ފިނޭންސް މިނިސްޓްރީން އިތުރު ފައިސާ މިހާރު ދީފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން އެއް ގައުމަކަށް ބަރޯސާނުވެ ހުޅުވާލެވިގެން، އެކި ގައުމުތަކުން އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށްކަން މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.