ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ވާތީ އެމަނިކުފާނު ޕާޓީގެ ރައީސެއްގެ ގޮތުގައި ބަލައިނުގެނެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސަކަށް އަދީބު އައްޔަންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އަދީބަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބޭފުޅަކަށްވާތީ އޭނާއަށް ސިޔާސީ ޕާޓީއެއްގެ ރައީސަކަށް ވެވިދާނެތޯ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން ޝަރީފު ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައިވާ ގޮތުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އިންތިގާލީ މަރުހަލާގައިވެސް ގައިދީއަކު ޕާޓީގެ އިސް މަގާމަކަށް ގެނައުމަށް އެ ގާނޫނު ހުއްދަ ނުކުރާ ކަމަށެވެ.
"ޖަލު ހުކުމެއްގައި ހުރި މީހަކަށް ޕާޓީގެ އިސް މަގާމެއް ނުފުރޭނެ. އެއީ އިންތިގާލީ މަރުހަލާއެއްގައި ނަމަވެސް. އަދީބު އައްޔަން ކުރި ކަން އަދި އިލެކްޝަނަށް އަންގާފައިއެއް ނުވޭ،" ޝަރީފު ވިދާޅުވި އެވެ.
ތިން ކުށެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބު، އެމްޓީޑީގެ ރައީސަކަށް ހަމަ ޖައްސަން ނިންމީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ޕާޓީން ވަނީ ބުނެފައި އެވެ.
ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އަދީބު ގެއަށް ބަދަލުކޮށްފައި ހުންނެވިއިރު، އެމްޓީޑީ އުފެއްދުމުގެ މަސައްކަތް ފެށީ އޭގެ ފަހުންނެވެ. އަދި އެ ޕާޓީގެ ފުރަތަމަ މެމްބަރެއްގެ ގޮތުގައި ސޮއި ކުރެއްވީ ވެސް އަދީބެވެ.