މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންތިޚާބުކޮށްފިއެވެ.
ކުރީގެ ނައިބް ރައީސް އަދީބް، އެ ޕާޓީގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ ޕާޓީގެ ކައުންސިިލްގައި ނެގި ވޯޓަކުންނެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވިި ހުރިހާ މެމްބަރުންވެސް ވަނީ އަދީބު ޕާޓީގެ ރައީސްކަމަށް އިންތިހާބްކުރުމަށް ވޯޓްދީފައެވެ.
ބުރާސްފަތި ދުވަހުގެރޭ އެ ޕާޓީގެ ރައީސް ކަމަށް އަދީބް އިންތިޚާބު ކުރިއިރު ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ ސީނިއަރ ވައިސް ޕްރެސިޑެންޓްގެ މަޤާމަށް އެ ޕާޓީގެ މަސްއޫލުވެރިޔާ އިސްމާއިލް އާސިފް، އަދި އެ ޕާޓީގެ ވައިސް ޕްރެސިޑެންޓްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދު ވަނީ އިންތިޚާބު ކޮށްފައެވެ.
ޕާޓީގެ ރައީސްކަމަށް އަދީބް އިންތިޚާބު ކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމަތުދެއްވަމުން އެމްޓީޑީގެ ސީނިއަރ ވައިސް ޕްރެސިޑެންޓް އިސްމާއިލް އާސިފް ވިދާޅުވީ ޤާނޫނު އޮތްގޮތުން އިންތިޤާލީ މަރުހަލާގައި ޕާޓީގެ ރައީސަކަށް އަދީބް ހުންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެ ނިންމުން ނިންމުމުގެ ކުރިން ޤާނޫނީ ބޭފުޅުންގެ ލަފާވެސް ހޯއްދެވިކަމަށް އާސިފް ވިދާޅުވިއެވެ.
އަދީބަކީ އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި މެމްބަރެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީ ދަފްތަރުކޮށް ލިޔުންް ހަވާލުކޮށްފައިވަނީވެސް ބުރާސްފަތި ދުވަހުއެވެ.
އަދީބް އެމްޓީޑީގެ ރައީސްކަމަށް އިންތިޚަބުކުރިއިރު، އެނާ ހުންނެވީ ގޭ ބަންދުގައެވެ. އޭނާގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ގޭ ބަންދަށް ބަދަލުކޮޮށްފައިވަނީ ސަރޖަރީއެއް ހެދުމަށްފަހު ވަގުތީގޮތުން، ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.