ޕްރައިމަރީއަކާ ނުލާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ގުޅިފައިވާ ޕާޓީތަކުގެ މަޖިލީސް ޓިކެޓް ލިބެންޖެހޭކަމަށާއި، އެ ވައުދުގައި ދެމި ހުންނާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ޕީޕީއެމްގައި ތިބއްވުމަށްފަހު 12 މެމްބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުމާއެކު އެ 12 މެމްބަރުންގެ ގޮނޑި ގޮއްލިފައިވާކަމަށް ބުނެ، އެ 12 މެމްބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު އަހަރަކަށްވުރެ ގިނަ ދުުވަސްވަންދެން ދީފައެއް ނުވެ އެވެ. އޭގެތެރެއިން ބައެއް މެމްބަރުން ޖަލުގައި އެތަށް ދުވަސްތަކަކު ކުރީގެ ސަރުކާރުން ގެންގުޅެފައިވެއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިދާޅުވީ 12 މެމްބަރުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އަންނަ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ވެވަޑައިގެންފައިވާ ވައުދު މަތީގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުންވީ އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށާއި، އިސްލާހަށް މަސައްކަތްކުރާނެ ކޯލިޝަން ސަރުކާރެއް ޤާއިމްކުރުމަށް އެ 12 މެމްމަބރުން ވަރަށް ބޮޑު ގުރުބާނީއެއްވެވަޑައިގެންނެވިކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މަޖިލީހުގެ 12 މެމްބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ލިބެންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، ސަރުކާރު ހިންގާ މައި ޕާޓީން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރުމަށް ނިންމައި، ޕްރައިމަރީގެ މަސައްކަތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެ ޕްރައިމަރީގައި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަ އެވެ.