ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 18:13
ރާއްޖޭގައި ފަތުރުވެރިންތަކެއް ފީނަނީ
ރާއްޖޭގައި ފަތުރުވެރިންތަކެއް ފީނަނީ
ޖުމެއިރާ
ރާއްޖޭގެ ފަތުރުވެރިކަން
ވިދިވިގެން ތިންވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަންއަކަށް ރާއްޖެ
މި އެވޯޑް ހަފްލާގައި ރާއްޖޭގެ ރިސޯޓުތަކަކުންނާއި ޓީއެމްއޭއިން ވެސް ވަނީ އެވޯޑް ހާސިލްކޮށްފައި

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވިދިވިދިގެން ތިން ވަނަ ފަހަރަށް ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަންއަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ޕޯޗުގަލްގެ ލިސްބަންގެ ޕެޓިއޯ ޑަ ގާލޭގައި ބޭއްވި ހަފްލާގައި ރާއްޖެއަށް މި އެވޯޑު ލިބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 ގައުމަކާއި ވާދަކޮށްގެންނެވެ. މީގެ ތެރޭގައި މެކްސިކޯ، އޮސްޓްރޭލިއާ، ތައިލެންޑް، ފީޖީ އަދި މޮރިޝަސް ގައުމުތައް ހިމެނެއެވެ.

މި އެވޯޑް ހަފްލާގައި ރާއްޖޭގެ ރިސޯޓުތަކުން ވެސް ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. ރާއްޖޭގެ ރިސޯޓުތަކުން ފަސް ކެޓަގަރީއަކުން އެވޯޑު ހޯދި އިރު ގިނައީ ކުރިން މި އެވޯޑް ހާސިލްކޮށްފައިވާ ރިސޯޓުތަކެވެ. އެގޮތުން ދުނިޔޭގެ ލީޑިންގް ލަކްޒަރީ އައިލެންޑް ރިސޯޓުގެ ލަގަބު ދިފާއުކުރީ ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓަށެވެ. ދުނިޔޭގެ ލީޑިންގް ހަނީމޫން ރިސޯޓުގެ ލަގަބު ލިބުނީ ޖުމެއިރާ ވިޓަވެލިއަށެވެ. ދުނިޔޭގެ ލީޑިންގް ލަކްޒަރީ އައިލެންޑްގެ ރިސޯޓުގެ ލަގަބު ލިބުނީ ޝެވަލް ބްލޯންކް ރަންދެލިއަށެވެ.

މީގެ އިތުރުން ސަން އަކުއާ ވިލުރީފްއިން ވަނީ ދުނިޔޭގެ ލީޑިންގް ވޯޓަރ ވިލާ ރިސޯޓުގެ ލަގަބު ޖެހިޖިހިގެން ތިންވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ. އަދި ބަރޮސް މޯލްޑިވްސްއިން ދުނިޔޭގެ އެއްމެ ރޮމޭންޓިކް ރިސޯޓުގެ ލަގަބު ހަތަރު ވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ.

އިތުރު އެވޯޑުތަކަށް ބަލާއިރު، 2012 ވަނަ އަހަރުން ފެށިގެން ހުޅުލޭ އައިލެންޑް ހޮޓެލްއިން ހޯދަމުން އައި ދުނިޔޭގެ ލީޑިންގް އެއަރޕޯޓު ރިސޯޓުގެ އެ ތަނުން ވަނީ ހަތް ވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ. އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ ޓީއެމްއޭއިން ވެސް ވަނީ މި ހަފްލާގައި ދުނިޔޭގެ ލީޑިންގެ ސީޕްލޭން އޮޕަރޭޓަރުކަން ދެވަނަ ފަހަރަކަށް ދިފާއުކޮށްފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަޖުރިބާކާރުންނާއި މުޅި ދުނިޔެއަށް ހުޅުވާލެވިގެން ބޭއްވޭ އޮންލައިން ވޯޓުގެ ނަތީޖާ އެއްކޮށްލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް