އައްޑޫ ސިޓީގައި ހުރި ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަންތަން ރައްކާތެރިކުރުމުގެ ގޮތުން ހަތް ސަރަހައްދެއް ހިމާޔަތްކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ސަރަހައްދުތައް ހިމާޔަތް ކުރިކަން އިއުލާންކޮށް ނެރުނު ގަރާރުގައި ބުނެފައި ވަނީ އެ ތަންތަން ހިމާޔާތްކުރުމުގެ ބޭނުމަކީ އައްޑޫގެ ގުދުރަތީ ތަރިކަ އެކުލެވޭ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ހިމާޔަތް ކުރަން ނިންމާފައިވާ ސަރަހައްދުތަކަކީ:
- މާމެންދޫ ކިޅި (ހިތަދޫ މާކިޅި، މެދެ އާރަ، ފެހެލަ ކިޅި، ރަސްގެދަރި އާރަ، ހިމެނޭ ގޮތަށް)
- މަތި ކިޅި ( ހުޅުދޫ، މީދޫ )
- ހުޅުދޫ، މީދޫ ޗަސްބިން
- ބޮނޑަ ހެރަގަނޑަ
- ފަތިކެޑެ
- ކޮޑަ ކަނޑަ
- މުޑަ ކަނާ ( މާކަނޑަ އިރުމަތީ ފަރާތު ފަރު)
މިއީ ދިވެހި ސަރުކާރުން ވެފައިވާ ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ ވައުދާ ގުޅިގެން އެ ކައުންސިލުން ކުރާ މަސައްކަތެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިމާޔަތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ހިމެނޭ ގޮތަށް ރައްކާތެރިކުރުން ހިމެނެއެވެ.