ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ ރައީސް އިސްކޮށް ހުންނަވައިގެން އުފައްދާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ ދީފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ގާނޫނުގައި ބުނާ ގޮތުގެ ޕީޕަލް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް މީހުން ހަމަކޮށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ދީފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ ގާނޫނުގައިވާ ގޮތަށް، އެ ޕާޓީއަށް ސައްހަ 3،000 މެމްބަރުން ހަމަކުރުމުން، ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިނުމާ އެކު، 3،000 މެމްބަރުން ހަމަކުރަންޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަސް ލިބެއެވެ.
ޕާޓީ އުފެއްދުމަށް އަދުރޭއަށް ހުއްދަދީފައިވާއިރު، މީގެ ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އާ ޕާޓީއެއް އުފެއްދެވުމަށް ހުށަހެޅުމުން ފުރަތަމަ އީސީން ހުއްދައެއް ނުދިނެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ، އޭނާ ޕީޕީއެމުން ވަކިވެވަޑައިގެން އަލުން ހުށަހެޅުއްވުމުންނެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ފައްޓަވާފައި ވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނިކޮށެވެ. އެ މައްސަލަ ކޯޓް ނިމި، ޕާޓީ ލިބޭނެ ފަރާތެއް ނޭނގޭއިރު، އާ ޕާޓީއެއް އުފެއްދުން މުހިންމު ކަމަށް ރައީސް ޔާމީން އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވެއެވެ.
އާ ޕާޓީ އެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރައްވާއިރު، ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށްޓަކައި 42 މީހަކަށް ވަނީ ޓިކެޓް ދީފަ އެވެ. ސުޕްރީމް ކޯޓްގައި މިހާރު އޮތް މައްސަލަ ޔާމީނަށް ކާމިޔާބު ނުވެއްޖެ ނަމަ، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ދީފައިވާ މެމްބަރުން ބަދަލުވާނީ އާ ޕާޓީއަށް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.