މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ އެއް މަގު ކަމަށްވާ ކަނބާއައިސާރަނި ހިގުން ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ވެސްޓްޕާރކް ކައިރީގައި އޮންނަ މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާއިރު، ކައުންސިލުން ދަނީ މަގުގައި އަތުރާފައި ހުރި ގާތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ބޮޑެތި އަޑިގުޑަންތައް ހެދި އެ މަގު ހަލާކުވެގެން އެ މަގުން ދުއްވާ އެއްޗިއްސާއި ހިނގާ ބިގާވެ އުޅޭ މީހުންނަށް ގިނަ އުދަގޫތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ރާއްޖެ އެތެރެކުރާ ގިނަ އަދަދެއްގެ މުދާ އެމްޕީއެލް އިން ނެރެގެން އުފުލުމުގައި އެމަގު ބޭނުންކުރާ އިރު ބޮޑެތި ކޮންޓެއިނަރ އުފުލާ ބަރު އުޅަނދުފަހަރު ގިނަ އދަދަކަށް އެ މަގުން ދަތުރުކުރެއެވެ.
އެ މަގު ހަދަން ފެށުމުގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ހުރި ފާހަގަތަކުގެ ފާހަގަތަކުގައި ކުލަ ލާން ފަށާފައވެެ. ކުރިން ރީނދޫ ކުލައިގައި ހުރި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުދުކުލަ އަށް ބަދަލުކުރި މަގުމަތީގެ ނިޝާންތައް އަލުން ރީނދޫ ކުލަ އަށް ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.