އާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް ނުވަތަ ގޯއްޗެއް ނެތި ހާސިލް ކުރެވޭނެ ތަރައްގީއެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި އިގްތިސާދު އޭގެ ވަށައިގެން ދައުރުކުރާ ނާރެހަކީ ދިރިއުޅުން ވޭތުކުރާ ގެ ކަމަށާއި، އާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް ނުވަތަ ގޯއްޗެއް ނެތި ހާސިލް ކުރެވޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑެތި އިޖްތިމާއީ މައްސަލަތަކުގެ ހައްލަކީ ވެސް ގެދޮރުގެ ދަތިކަން ހައްލު ކުރުން ކަމަށާއި، ގެދޮރުގެ ދަތިކަން ހައްލުވެގެން ނޫނީ އިގްތިސާދުގެ ރޫފަ ހެޔޮވެގެނެއް ނުދާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ގައުމުގެ ކޮންމެ ފަރުދަކު ގޮދޮރުވެރިއަކަށް ހެދުން ކަމަށެވެ.
ހެނބަދޫއަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް އަލިއަޅުއްވާލައި ރައީސް ސޯލިހު ވިދާޅުވީ 750 މީހުންގެ އާބާދީއެއް އޮތް އެރަށުގެ ބިން އޮތީ ފުރިފަ ކަމަށާއި، ގޯތިދެވޭނެ އެއްވެސް ގޮތެއް ނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
''ދެމެހެއްޓެނިވި އަސާސްތަކެއްގެ މައްޗަށް ހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިގެންދާއިރު، މިރަށުގެ ގޯތިގެދޮރުގެ ދަތިކަން އިރާދަކުރެވިއްޔާ ހައްލުވެގެންދާނެ. ކޮންމެ އާއިލާއަކަށް ވެސް ދިރިއުޅެވޭނެ ހިޔާވަހިކަމެއް ލިބިގެންދާނެ،''ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ހެނބަދޫގެ ބޮޑު ބައެއް ގިރަމުންދާ ކަމަށާއި، އެރަށުގެ ހިކިފަސް ސަރަހައްދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށެވެ. މިއީ ވެސް ސަރުކާރުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަމަށް ވެސް ހައްލު ހޯދުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.