ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި އެހެނިހެން ކަންތައްތައް އެ ކުއްޖަކު ދިރިއުޅޭ ރަށުން ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ތެލެސީމިޔާއާ ގުޅޭ ވައުދު ފުއްދިފައިވާކަން އިއުލާން ކުރުމަށް ޗަމްޕާ ސެންޓަރަލް ހޮޓެލްގައި ބްރާސްފަތި ދުވަހު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ތެލެސީމިޔާ ކުދިންގެ ފަރުވާ އާއި ލޭ ގެންގުޅުމުގެ ނިޒާމާއި އެ ކުދިންނަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަވެގެން ދިއުމަކީ މިއަދު ހުރިހާ އެންމެން ވެސް އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަތޮޅު ތެރޭގައި ދިރިއުޅޭ 270 ކުދިންނަކީ ލޭ އެޅުމާއި ލޭ ހޯދުމުގައި އެތަކެއް ތަކުލީފްތަކެއް މިއަދާ ހަމައަށް އުފުލަމުން އައި ބައެއްކަން ފަހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ސަރުކާރުގެ އެންމެ މަތީ ފަންތިއާ ހިސާބުން ލިބިގެން ނޫނީ ދާއިމީ ގޮތެއްގައި ފުރިހަމަ ފަރުވާ ލިބުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ބައެއް ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތަކީ ތެލެސީމިއާ ކުދިންނަކީ ސަރުކާރުގެ އޯގާތެރިކަމާއި އަޅާލުން އެންމެ މަތީ ދަރަޖައިގައި ދޭންޖެހޭ ބައެއް ކަމަށް ބަލައިގަނެ އެކުދިންނަށް ބޭނުންވާ ވަސީލަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން. މިއަދު ތައާރަފްކުރެވުނު މޯލްޑިވްސް ބްލަޑް ޕޮލިސީއަކީ ވެސް މުސްތަގުބަލްގައި ތެލެސީމިޔާއަށް ކުދިންނަށް ބޭނުންވާ ފަރުވާތައް ފޯރުކޮށްދިނުމުގައި މުހިންމު ސިޔާސަތަކަށް ވެގެންދާނެ،" މިނިސްޓަރ ވިދޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުން ދާއިމީ ގޮތެއްގައި ތެލެސީމިޔާ ކުދިންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއާ ވާހަކަ ދެކެވި އެކަން ވެސް މިހާރު ހަމަޖެހިފައި ވާކަމަށެވެ. ހަމައެއާ އެކު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެކަމަށް ޒިއްމާކުރުވައި އެތަންތަނުގެ ބެލުމުގެ ދަށުން ފަރުވާގެ އެންމެހާ ކަންތައްތައް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ
މީގެ އިތުރުން ވެސް ދުވަހުން ދުވަހަށް އަދި މަހުން މަހަށް ބަލާ މޮނީޓަރކުރުމުގައި ސަރުކަރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.