ފަނޑިޔާރުގެ ހިމެނޭ ގޮތަށް ހުރިހާ މުސްތަޤީލް މުއައްސަސާއެއް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބި ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ރަޝީދުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އިންސާފު ލިބެން އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ނިޒާމް ކިލަނބުވެފައި އޮތުމެވެ، ޝަރުއީ ނިޒާމް އިސްލާހްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545868705.jpg)
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށްވެގެނެ ނުދާނެކަން ދެ ފަހަރެއްގެ މަތިން ތަޖުރިބާ ކުރެވިފައިވާ ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު އިޝާރަތްކުރެެއްވީ 17 ވަނަ މަޖިލީހާއި މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިފައި ނުވުމަށެވެ.
"ރިޔާސީ އިންތިހާބު ތިޔަ ބޭފުޅުންދެއްވައިފި. އެމްޑީޕީއަށް، މިއީ ދެ ވަނަ ފަހަރު ދެއްވި. ރައްޔިތުންގެ މަޖިލީސް ލިބި ނުދާތީވެ، ރިޔާސީ އިންތިހާބުގައި އެ ލިބު ކާމިޔާބު ހަޤީޤަތުގައި މާބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރަން ދަތިވެދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަކީ ސިޔާސީ ލީޑަރުންގެ ބޮލުގައި އެޅިފައިވާ ދަރަންޏެއް ކަމަށެވެ. މާލެގައި މިހާރު ފޮތިކޮށްފައިދޭނެ ގޯއްޗެއް ނެތްކަމަށާއި، ނަމަވެސް ހުރިހާ ރައްޔިތުންނަށް ގޯތި ދިނުމަކީ ކުރެވޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކީ ނުކޮށްދެވޭނެކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1545868704.jpg)
ރައްޔިތުންނަށް މިއަދު ލިބޭ މިންވަރަކީ ހައްޤު މިންވަރު ނޫންކަމަށް ވިދާޅުވާ ވިދާޅުވުން އެ މަނިކުފާނު ވަނީ ތަކުރާރުކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ގުދަރީ މުއްސަނދިކަމާއެކު ރައްޔިތުންނަށް މިއަދަށްވުރެ މާތަނަވަސް މާދަމާއެއް ހޯދައިިދެވެން އެބަ އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.