ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު، މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވަނީ ބުދަ ދުވަހު އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ރައީސް ނަޝީދު ކައުންސިލާއި ބައްދަލުކުރައްވައި މާލެ އަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދި ދާނެގޮތުގެ ހިޔާލުތައް ދެއްވިކަމަށެވެ. އެކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުނުކަމަށް ވެސް ކައުންސިލުން ބުނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލްތަކެއް ކައުންސިލުން ހާމަކޮށްފައެއްނުވެއެވެ.
އެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު، މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވިއިރު، ކައުންސިލްތަކަށް ގިނަ ބާރުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ. އެގޮތުން ކައުންސިލްތަކުން ނަގާފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކާއި ހަވާލުކޮށްފައިވާއިރު، ކައުންސިލްގެ ނަމުގައި އާމްދަނީ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.