ދިރިއުޅުމަށް، އިމާރާތްތަކާއި އެޕާޓްމެންޓްތައް ކުއްޔަށް ދިނުމާބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ޤާނޫނު ހެދުމުގެ މަސައްކަތް ކުރަމުންގެންދަނީ ހައުސިން އެންޑް އާބަން މިނިސްޓްރީގެ ފަރާތުންނެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގާނޫނު ޑްރާފްޓްކޮށް ދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް ޤާނޫނުގެ ތަފްސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
މާލޭގައި އިމާރާތާއި، އެޕާޓްމެންޓްތައް ކުއްޔަށްދޭ އަގު ބޮޑުވުމަކީ އަބަދުވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ. އެގޮތުން ވަކި ހަމައެއް ނެތިި ބޮޑެތި އަދަދުތަކުން ކުލި ނަގަމުންދިޔުމާއި، ކުލި ބޮޑުކުރަމުންދާ މައްސަލަތައް އަބަދުވެސް އާންމު ފާހަގަކުރެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދުތަކުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވެރިކަން އަތް ފޯރާ އަގެއްގައި ފޯރުކޮށްދިނުން ހިމެނެ އެވެ. އެގޮތުން ބޯހިޔާވެހިކަން ފޯރުކޮށްދޭއިރު ތިން ކެޓަގަރީއަކަށް ބަހާލާނެކަމަށް ރައީސް ސޯލިހް މީގެކުރިން ހާމަކުރައްވާފައިވެއެވެ.