މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލް ފާސްކުރުމަށް ބައެއް މެމްބަރުން ދެކޮޅު ހަދާ ކަމަށާއި އެގޮތަށް އަމަލުކުރައްވަނީ ގޯސްތަކުގައި ބައިވެރިވެފައިވާތީ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މަރުތަކާއި، ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުތައް ދިނުމަށް ދެކޮޅު ހަދާ މެމްބަރުންނަކީ އެކަންކަމުގައި ބައިވެރިވެފައިވާ މެމްބަރުން ކަމަށެވެ. އެކަންކަމުގައި އެއްވެސް ޝާމިލްވުމެއް ނެތްނަމަ އެއްވެސް ޖެހިލުމަކާއި ނުލާ ބިލަށް ވޯޓު ދެއްވާނެ ކަމަށް ޝާހް ވިދާޅުވި އެވެ.
ކޮމިޓީ މަރުހަލާގައި ވެސް ބިލާ ދެކޮޅަށް ބައެއް މެމްބަރުން މަސައްކަތް ކުރެއްވި ކަމަށާއި، ބިލަށް އެއްބާރުލުން ދެއްވަމުން ގެންދެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކޮމިޓީން ބޭރުކޮށްލާފައިވާ ކަމަށެވެ. މެމްބަރު ނަޝީދު ކޮމިޓީން ބޭރުކޮށްލެއްވީ އެ ޕާޓީގެ ޕީޖީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ކަމަށް ޝާހު ވިދާޅުވި އެވެ.
"ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ކޮމެޓީ މަރުހަލާގައި ވަރަށް ބޮޑަށް ކޮންޓްރިބިއުޓްކޮށް ދެއްވި. ކުޅުއްދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އުއްސްތާޒު ނަޝީދު ވަރަށް ބޮޑަށް ކޮންޓްރިބިއުޓް ކުރެއްވި، ނަމަވެސް ހިޔާލު ތަފާތުވެގެން ގޮސް އެބޭފުޅާ ބިލަށް ކޮންޓްރިބިއުޓްކޮށްދެއްވާތީ އެންމެ ފަހުން ކޮމެޓީން ބޭރުކޮށްލީ އެނގޭތޯ،" ޝާހް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލަށް ބޮޑެތި ބަދަލުތަކެއް ކޮމިޓީން ގެނައުމަށްފަހު މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ. ބިލަށް އިސްލާހް ގެނެސްފައިވާ ގޮތަށް ބަލާއިރު ހުރިހާ މެމްބަރުން ވޯޓު ދެއްވަންޖެހޭނެ ކަމަށާއި ވޯޓު ދެއްވަން ނުޖެހޭ އެއްވެސް ސަބަބެއް މިހާރު ނޯންނާނެ ކަމަށް، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޝާހު ވިދާޅުވި އެވެ. އެ ބިލްގައި ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފު އެއްވެސް ކަމެއް މިހާރު ހިމެނިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ ކޮމިޝަނަށް ދީފައިވާ މުހިންމު ބާރުތަކެއް ނެގިޔަސް، މިހާރު ބިލް އޮތް ގޮތުން ވެސް ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ކޮމިޝަނަށް ލިބިދެ އެވެ.
ދެ ކޮމިޝަންގެ ބިލް ފާސްނުކޮށް ދައުރު ނިންމާލާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ބިލް ފާސްކުރުމަށްޓަކައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެންފައިވާތީ، ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.